ޚަބަރު

ފަލަސްޠީނާއި އިސްރާޢީލު ސުލްޙަކުރުވަން އުރުދުނުން މަސައްކަތްކުރަނީ


ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ޔަހޫދީންނާއި ފަލަސްޠީނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ބޭއްވުމަށް އުރުދުނުން މަސައްކަތް ފަށައިފިއެވެ. ދެ ފަރާތުގެ މެދުގައި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކުރުމާ ގުޅޭ މަޝްވަރާތައް ބާއްވާނީ އުރުދުންގެ ރިސޯޓު ރަށެއް ކަމުގައިވާ އަޤަބާގައެވެ.

ފަލަސްޠީނުގެ މުސްލިމުންނާއި ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސަރުކާރާ ދެމެދު އިތުބާރު އުފެއްދުމުގެ މަޤުޞަދުގައި ބާއްވާ މި މަޝްވަރާތަކުގައި މިޞްރާއި އެމެރިކާގެ އޮފިޝަލުން ވެސް ބައިވެރިވާނެއެވެ. މި މަޝްވަރާތައް ބޭއްވުމަށް އުރުދުނުން ގޮވައިލާފައި މި ވަނީ، ޔަހޫދީ ޓެރެރިސްޓު ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި، ލާއިންސާނީ އުދުވާންތައް ހިންގައި، ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކުރަމުންދާ ވަގުތެއްގައެވެ.

ފެބުވުވަރީ މަހުގެ 22 ވަނަ ދުވަހު އެކަނިވެސް ޔަހޫދީ ޖައްބާރު ސިފައިން ވަނީ ފަލަސްޠީނުގެ 11 މީހުން ޝަހީދުކޮށްލާފައެވެ. ހުޅަނގު އައްސޭރީގެ ނާބުލުސްގައި ހިންގާފައިވާ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި އުމުރުން 16 އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ. އަދި، އިތުރު 80 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑަށް ވަނީ ބަޑި ޖަހާފައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ފަޠަހަ ޖަމާޢަތުން ވަނީ އުރުދުންގެ ދަޢުވަތު ޤަބޫލުކޮށް، މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ އެހެން ޖަމާޢަތްތަކުން ވަނީ މި ނިންމުމަށް ފާޑުކިޔާފައެވެ. މަޝްވަރާތަކަށް ދިޔުމުގެ ބޭނުމަކީ ޔަހޫދީ ޓެރެރިސްޓު ސިފައިންގެ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުން ކަމުގައި އައްބާސް ވިދާޅުވިއެވެ.

ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. އުމުރުން ދުވަސްވީ އަންހެނެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.