ޚަބަރު

ހަނގާކުރުން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފަށަންޖެހޭ: ނައިބު ރައީސް


ހަނގާކުރުން ހުއްޓުވޭނީ މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން އެއްބާރުލުންދީގެން ކަމަށާއި، މިފަދަކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ސްމައިލްއޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ވިލިމާލޭގައި ހުންނަ، މުޙްޔިއްދީން ސްކޫލުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވީ ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަޚުލާޤީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ޤަބޫލުކުރެވިގެން ކަމަށެވެ. އަދި ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ. ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ހަނގާކުރުން ހުއްޓުވުމަށް މުޖުތަމަޢުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އެއްބާރުލުންދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވަނީ، ހަނގާކުރުމަށް ހޭލުންތެރިކުރުމާއި ގުޅޭ ގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. ޅެމުގެ މިރަމްޒީ ފިލާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ ޅެން ހުށައަޅައިދިން، ކަލާފާނު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ޢައިޝަތު އަލާނިޔާ އިސްމާޢީލެވެ.

މިޖަލްސާއަށްފަހުގައި، ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފަށްޓަވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ވޯލްގައި ލިޔުއްވާފައެވެ.