ޚަބަރު

ބްރިޖްގެ މަސައްކަތަށް ބޭނުންވާ ސާމާނު މާދަމާ ރާއްޖެ ގެނެވޭނެ


ހުޅުލެއާއި މާލެއާ
ދެމެދު އަޅުއްވާ ބްރިޖްގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް
މާދަމާ މާލެ ގެނެވޭނެކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު
ވިދާޅުވެއްޖެއެވެ.



ގުޅިފަޅުން ފްލެޓް ގަނެފައިވާ
ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދެއްވާނެކަން ބަޔާންކުރެވިފައިވާ ލިޔުން
ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ
މުޢިއްޒު ވިދާޅުވީ، މާދަމާ ރާއްޖެ އަންނަ ފުރަތަމަ ޝިޕްމަންޓްގެ ތެރޭގައި، 4 ބާޖާއި، 3 ޓަގްގެ އިތުރުން ކެރޭންވެސް
ހިމެނޭކަމަށެވެ.

" މިއީ
މިހާތަނަށް ރާއްޖެއަށް ގެންނަ އެންމެ ބޮޑު މުދަލާއި މެޝިނަރީގެ ޝިޕްމަންޓް. މީގެ
ތެރޭގައި ކާގޯ ތަކެތިވެސް ހިމެނޭނެ" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.



މާދަމާ ބްރިޖެގެ
މަސައްކަތަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް އަންނައިރު، ވަރަށް ގިނަ ޢަދަދެއްގެ
ކާގޯވެސް އަންނާނެއެވެ. މީގެ އިތުރުން ބައެއް
ތަކެތި ހިފައިގެންވެސް އަންނަނީ ސަބްމާސިބަލް ބާޖެއްގައެވެ. މި ހުރިހާ ތަކެތި
ކްލިއަރކުރުމުގެ މަސައްކަތްވެސް ކުރެއްވުމަށް ހަމަޖެހިފައިވަނީ ބާޖްތެރޭގައި
ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކުރައްވައެވެ. މިކަމަށް ކަސްޓަމްސުން ވަނީ
ދުރާލާ ތައްޔާރުވެވަޑައިގެންފައެވެ. 



ހުޅުލެއާއި މާލެއާ
ދެމެދު އަޅުއްވާ ބްރިޖްގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް ގެންނަ
އުޅަނދުފަހަރު ކައިރިކުރުމަށް ހަޖެހިފައިވަނީ އެމްޕީއެލްއާވެސް ތަންކޮޅެއް
ދުރުހިސާބެއްގައި ޢާއްމުކޮށް ބޮޑެތި ބޯޓްފަހަރު އޮންނަ ސަރަޙައްދުގައެވެ. ބްރިޖްގެ މަސައްކަތް
ކުރުމަށް ލޮނިޒިޔާރްތްކޮޅު ބަންދުކޮށްފައިވާއިރު، މަސައްކަތަށް ބޭނުންވާ ތަކެއްޗާއެކު
އެ ސަރަޙައްދުގައި އިތުރު މަސައްކަތް ފެށިގެންދާތަން ފެނިގެންދާނެއެވެ.



ބްރިޖްގެ މަސައްކަތުގެ ތާވަލުގައިވާ ގޮތުން އަންނަ މަހުގެ ތެރޭގައި ބްރިޖްގެ
ފައުންޑޭޝަން ޕައިލް ޓްރައިލްކުރަން ފެށޭނެއެވެ. އަދި ކަނޑު އަޑިން ޖަހަން ފަށާ ބްރިޖްގެ ތަނބުތައް
އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލޮނުގަނޑުގެ މަތިން ފެންނަވަރު ވާނެކަމަށް
ހައުސިންގް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.