ޚަބަރު

އީރާނުން ދުރުރާސްތާގެ ކްރޫޒް މިސައިލެއް އުފައްދައިފި


ބާރުގަދަ ދުރުރާސްތާގެ ކްރޫޒް މިސައިލެއް އުފައްދައި، އަސްކަރިއްޔާއާ ހަވާލުކޮށްފައިވާ ކަން އީރާނުން ހާމަކޮށްފިއެވެ. އައު ކްރޫޒް މިސައިލެއް އުފައްދާފައިވާ ކަން އީރާނުގެ ރިވޮލޫޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރަކު ހާމަކޮށްފައި މި ވަނީ، ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން އީރާނުގައި އުފައްދާ ޑްރޯން ބޭނުންކުރަމުންދާތީ ހުޅަނގުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުން އަލަށް އުފައްދާފައިވާ ކްރޫޒް މިސައިލަކީ 1,650 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމުގައި އެ ޤައުމުގެ ރިވޮލޫޝަނަރީ ގާޑްސްއިން ހާމަކުރެއެވެ. ރިވޮލޫޝަނަރީ ގާޑްސްއަކީ އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒު ގަދަ ގޮތްޕެވެ.

ރިވޮލޫޝަނަރީ ގާޑްސްގެ އެރޯސްޕޭސް ފޯސްގެ އިސްވެރިޔާ އާމިރުޢަލީ ހާޖީޒާދާ ވިދާޅުވީ، އަލަށް އުފައްދާފައިވާ ކްރޫޒް މިސައިލްތައް އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމުގައެވެ. އަދި، އައު މިސައިލްތައް ދައްކުވައިދޭ ވީޑިޔޯތައް އީރާނުގެ ޓީވީ ސްޓޭޝަންތަކުން ވަނީ ދައްކައިލާފައެވެ.

މީގެ ތިން އަހަރު ކުރިން މަރައިލާފައިވާ އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ ޖެނެރަލް ޤާސިމް ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެ ކަމުގައި ވެސް ހާޖީޒާދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސުލައިމާނީ މަރައިލުމުގެ ފަހަތުގައި ތިބީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އޭނާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޮޔޯ ކަމުގައެވެ.

އަދި، ޓްރަމްޕު ސަރުކާރުގައި އެމެރިކާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހުން ކަމުގައެވެ. "ސުލައިމާނީގެ މަރުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ބޭނުމީ ޓްރަމްޕް މަރައިލަން،" ހާޖީޒާދާ ވިދާޅުވިއެވެ. އަދި، އިރާޤުގައި ހުންނަ އެމެރިކާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދީފައިވާ ބެލިސްޓިކް މިސައިލް ހަމަލާއަކީ، އެމެރިކާގެ ސިފައިން މަރައިލުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ދާދިފަހުން ވަނީ، ސުލައިމާނީގެ މަރުގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާއަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފައެވެ. ސުލައިމާނީއަކީ، އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސްގެ އެންމެ ބާރުގަދަ ގޮފި ކަމުގައިވާ ޤުދްޞް ފޯސްގެ އެންމެ އިސްވެރިޔާއެވެ. އޭނާ މަރައިލުމަށް އަމުރު ކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

62 އަހަރުގެ ސުލައިމާނީ މަރައިލާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހެވެ. އޭނާ މަރައިލާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ހަމަލާއެއްގައެވެ. އޭނާއަކީ އީރާނުގެ ޢާންމުންގެ މެދުގައި ވެސް ވަރަށް މަޤުބޫލު ބޭފުޅެކެވެ. އީރާނުން މެދުއިރުމަތީގެ ޤައުމުތަކުގައި ހިންގާ އަސްކަރީ އަދި ޖާސޫސީ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އޭނާއެވެ. އަދި، އޭނާއަކީ 1980 އިން 1988 ވަނަ އަހަރާ ދެމެދު ކުރި އީރާން-އިރާޤު ހަނގުރާމައިގެ ބަޠަލެއްގެ ގޮތުގައި އީރާނުގެ ރައްޔިތުން ޤަބޫލު ކުރާ ބޭފުޅެކެވެ.

ފަހަކަށް އައިސް އީރާނުން ވަނީ އެ ޤައުމުގެ މިސައިލް ޕުރޮގުރާމު އިތުރަށް ފައްކާކޮށްފައެވެ. އަދި، ބާރުގަދަ މިސައިލް އުފެއްދުން އިތުރުކޮށްފައެވެ. މިއީ، އެމެރިކާއާއި ހުޅަނގުން ގޮންޖެހުމުގެ ގޮތުން އީރާނުން ހިންގަމުންދާ އަމަލުތަކެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އީރާނުން ބުނަނީ، އެއީ އެ ޤައުމުގެ ދިފާޢުގައި ހިންގަމުންދާ އަސްކަރީ ޕުރޮގުރާމުތަކެއް ކަމުގައެވެ.

ޔޫކްރެއިނުގެ އަމާޒުތަކަށް ހަމަލާދިނުމަށް ރަޝިޔާއިން އީރާނުގައި އުފައްދާފައިވާ ޑްރޯންތައް ބޭނުންކޮށްފައިވާ ކަމަށް އެމެރިކާއާއި ޔޫކްރެއިނުން ކުރަމުންދިޔަ ތުހުމަތުތަކަށް އީރާނުން ކުރިން ވަނީ ދެކޮޅުހަދާފައެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޔޫކްރެއިނުގައި ހަނގުރާމަ ފެށުމުގެ ކުރިން ރަޝިޔާއަށް ޑްރޯންތަކެއް ވިއްކި ކަމަށް އީރާނުން ފަހުން ވަނީ އެއްބަސްވެފައެވެ.