ޚަބަރު

3000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓަށް އަނެއްކާވެސް އެމްއާރުއެމް


ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަ ސިޔާސީ ޕާޓީޓަކުގެ ތެރެއިން 3000 މެންބަރުން ހަނަމަނުވާ ޕާޓީތަކުގެ ލިސްޓުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނިއްޖެއެވެ.

ޤާނޫނީ ޢަދަދު ހަމަނުވާތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް އެޕާޓީ އުވާލުމުގެ ނޯޓީސް އިލެކްޝަންސް ކޮމިޝަނުން ދީފައިވެއެވެ. ނަމަވެސް ނޯޓިސް ދިނުމާއެކު އެމްއާރުއެމުން ވަނީ 3000 މެންބަރުން ހަމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެމްއާރުއެމްގައި މިވަގުތު ތިބީ 2981 މެންބަރުންނެވެ. އެޕާޓީގެ އިތުރުން ދެން 3000 މެންބަރުން ހަމަނުވަނީ އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން އުވާލަން ނިންމި ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީއާއި، އެމްއެލްއެސްޑީޕީއެވެ.

އެމްއާރުއެމްއަކީ 2005ވަނައަހަރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިންފަހުން ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ.

އިލެކްޝަންސް ކޮމިޝަނުގައި އެމްއާރުއެމް ރަޖިސްޓްރީކޮށްފައިވަނީ، 20 ނޮވެމްބަރ 2019ގައެވެ.