ކެމްބޯޑިޔާގައި ދޫނިރޯގާ ފެތުރުން ޢާންމުވެ، މި ބަލި ޖެހިފައިވާ 11 އަހަރުގެ އަންހެން ކުއްޖެއް މަރުވެއްޖެއެވެ. މިއީ، ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ޤައުމުގައި ދޫނިރޯގާ ޖެހިގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މި ބަލީގެ އަލާމަތްތައް ފެނިފައިވާ އިތުރު 12 މީހަކު ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ކެމްބޯޑިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
ބަލި ޖެހިގެން މަރުވި އަންހެން ކުއްޖާގެ ބައްޕަ ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބަލި ފެތުރެމުން ދަނީ ވެރިރަށް ޕުނޮމް ޕެންގެ އިރުމަތީގައި އޮންނަ ޕުރޮވިންސެއްގައި ކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ނަމަވެސް، އޭނާގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ.
ދޫނިރޯގާ ބައްޔަށް ޓެސްޓު ކޮށްފައިވާ އިތުރު މީހުންނަށް ބަލި ޖެހިފައިވާ ކަން ނުވަތަ ނޫން ކަން އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އަދި މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ. އަދި، އެ މީހުންނަށް ބަލި ޖެހުނީ ކޮން ގޮތަކުން ކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ކެމްބޯޑިޔާގައި ދޫނިރޯގާ ޖެހިގެން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. މި ބަލީގައި އަލަށް މަރުވެފައިވާ 11 އަހަރުގެ އަންހެން ކުއްޖާއަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައި ވަނީ، ބަލީގެ އަލާމަތްތައް ފެނި، ފެބުރުވަރީ 16 ވަނަ ދުވަހު ޓެސްޓު ކުރުމުންނެވެ. އޭނާ މަރުވީ ޕުނޮމް ޕެންގެ ކުޑަކުދިންނާ ބެހޭ ޚާއްޞަ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.
ހުސްވި 2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ދޫނިރޯގާ ފެތުރެމުންދާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ބުނެއެވެ. އޭގެ ފަހުން މި ބަލި ޖެހިފައިވާ 200 މިލިޔަނަށްވުރެ ގިނަ ދޫނި މަރުވެފައި، ނުވަތަ މަރައިލާފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. އަދި، މި ބަލި ދޫނީގެ ފުށުން އެހެން ޖަނަވާރުތަކުގެ ހަށިގަނޑަށް ބަދަލުވަމުންދާ ކަމަށް ވެސް އެ ޖަމުޢިއްޔާއިން އިންޒާރު ކުރެއެވެ.
ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވީ ފާއިތުވި 25 ވަރަކަށް އަހަރުގެ ތެރޭގައި ދޫނިރޯގާ އެހެން ޖަނަވާރުތަކުގެ ހަށިގަނޑުން ވެސް ފެންނަން ފަށާފައިވާ ކަމުގައެވެ. އެ ޖަނަވާރުތަކުގެ ތެރޭގައި މިންކް، އޮޓަރ، އަދި ސީ ލަޔަން ހިމެނެއެވެ.