މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން މެލޭޝިއާ އަތުން ބަލިވެއްޖެއެވެ.
މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތައް ފަހު ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި މެޗަށްފަހު ނައިބު ރައީސް ވަނީ ޓީމަށް ހިތްވަރު ދެއްވައިފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން ރާއްޖޭގެ ފިރިހެން ޓީމު ބަލިވީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-20، 25-20، 25،20 އަދި 18-25 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން މެލޭޝިއާއިން ވަނީ ރަނގަޅަށް ކުޅެ ލީޑު ނަގާފައެވެ. އެގޮތުން ރާއްޖޭގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ) އާއި ހަސަން ނިލާމް (ޕާޓޭ) ފޮނުވާލި ބާރު އެޓޭކުތައް ރަނގަޅަށް ޑިފެންސްކޮށް މެލޭޝިއާއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މި ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-20 އިންނެވެ.
ދެވަނަ ސެޓު ފަށައިގެންވެސް ރާއްޖޭން ރަނގަޅަށް ކުޅުނުއިރު، މި ސެޓުގެ ފަހުކޮޅު ރާއްޖެ ޓީމުގެ ޑިފެންސް ފެނިގެންދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ނަގާ މި ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-20 އިންނެވެ.
މެޗުގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ ތިންވަނަ ސެޓެވެ. މި ސެޓު ފަށައިގެން ރާއްޖެއިން ވަނީ ލީޑުގައި އޮވެ ކުޅެފައެވެ. މުޅި ސެޓަށް ބަލާއިރުވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މިސްޓޭކް މަދުން ފެނުނުއިރު، މި ސެޓުގައި ޕާޓޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި ސެޓު ރާއްޖޭން ގެންދިޔައީ 25-20 އިންނެވެ.
މެޗުގެ ފަހު ސެޓުގައި ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-18 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމުން ދެވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ނުކުންނާނީ، ސިންގަޕޫރާއި ދެކޮޅަށެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ޔެސް ޓީވީން ލައިވްކުރާނެއެވެ.