ތަޢުލީމު

އަމީން ދީދީ އެވޯޑު ޢާއިޝަތު އީމާން އަލީ ހޯދައިފި


އަމީނިއްޔާ ސްކޫލުން ދޭ މުޙައްމަދު އަމީން ދީދީ ސްކޮލަރޝިޕް އެވޯޑު ތ. ކަނޑޫދޫ ޢާއިޝަތު އީމާން އަލީއަށް ލިބިއްޖެއެވެ.އަމީނިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލްގެ ގްރޭޑް 8ގެ ދަރިވަރު ޢާއިޝަތު އީމާން އަލީއަށް ސްކޮލަރޝިޕް އެވޯޑު ޙަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ. މުޙައްމަދު އަމީން ދީދީ ސްކޮލަރޝިޕް އަކީ 1994 ވަނަ އަހަރުން ފެށިގެން އަމީނިއްޔާ ސްކޫލުން ދެމުން ގެންދާ ސްކޮލަރޝިޕް އެވޯޑެކެވެ. މިއަހަރު އެވޯޑު ލިބުނު ތ. ކަނޑޫދޫ ޢާއިޝަތު އީމާން އަލީއަކީ މި ސްކޮލަރޝިޕް އެވޯޑު ލިބުނު އެކާވީސް ވަނަ ދަރިވަރެވެ. މުޙައްމަދު އަމީން ދީދީ ސްކޮލަރޝިޕް އެވޯޑަށް ހޮވަނީ އަމީނިއްޔާ ސްކޫލަށް ވަނުމަށް އަތޮޅުތަކުން އަންނަ ކުދިން ހަދާ އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަކަށެވެ. މި ސްކޮލަޝިޕް އެވޯޑަށް ހޮވޭ ދަރިވަރެއްގެ އޯލެވެލް އިމްތިޙާނު ނިމެންދެން ހުރިހާ ޚަރަދެއް ބަލަހައްޓާނީ އަމީނިއްޔާ ސްކޫލުންނެވެ. އޭގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ ފޮތްތައް ހޯދުމާއި ކިޔެވުމާއި ގުޅޭ އެހެނިހެން ކަންކަން ހިމެނެއެވެ.ސްކޮލަރޝިޕް އެވޯޑުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ކާމިޔާބު ކުއްޖަކަށްވުމަށްޓަކައި މުޖުތަމައު ޤަބޫލުކުރާ ސިފަތަކެއް އެކުއްޖެއްގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އާޒިމާ ވިދާޅުވީ، ސްކޫލްތަކާއި މަދަރުސާތަކުގައި ކިޔަވާ ދަރިވަރުން ވާންޖެހޭނީ ހަމައެކަނި މަތީ ފާސްތަކެއް ހޯދާ ބަޔަކަށް ނޫން ކަމަށާއި އެއާ އެއަށްވަރަށް ދަރިވަރުންގެ އަހުލާޤް ހިފަހައްޓާ އެހެން މީހުންނަށް އިޙްތިރާމްކުރާ ބަޔަކަށް ވުމަށް ދަރިވަރުންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ދެއްކެވި ވާހަކަފުޅުގައި، އެސްކޫލްގެ އެންމެ ބޮޑު އަމާޒަކީ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއްދީ އެކުދިންނަކީ މުޖުތަމައަށް ބޭނުންތެރިކަމަށް ބަޔަކަށް ހެދުން ކަމަށެވެ. އަދި އެމާޒަށް ވާސިލްވުމަށް ބެލެނެވެރިންނެގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ، ބަދަލުވަމުންދާ މުޖުތަމައުގައި ދަރިވަރުންނަށް ހެޔޮ ގޮތް ބުނެދީ ދަރިވަރުންގެ ކަންކަން ގާތުން ބެއްލެވުމަށް ބެލެނިވެރިންގެ ކިބައިން ސްކޫލްގެ ޕްރިންސިޕަލް އެދިވަޑައިގެންނެވިއެވެ.މުޙައްމަދު އަމީން ދީދީ ސްކޮލަރޝިޕް އެވޯޑު ލިބުނު ޢާއިޝަތު އީމާން އަލީ ބުނީ، މިއެވޯޑް ހޯދުމަށް އެނާ ގަދަ އަޅާ މަސައްކަތްކުރި ކަމަށެވެ.މި ރަސްމިއްޔާތުގައި ވަނީ އަމީނިއްޔާ ސްކޫލްގެ ސްޓޫޑެންޓު ކައުންސިލަށް ހޮވުނު ދަރިވަރުންނަށް ސޭޝްއާއި ބެޖް ޙަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްއާއި ސްކޫލްގެ އިސްވެރިންނާއި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.