ޚަބަރު

ގްލޯބަލް ޝެފް ޗެލެންޖްގެ ސެމީ ފައިނަލްގެ ފަނޑިޔާރަކަށް މަހާ


ޔޫރަޕްގައި ބޭއްވި ގްލޯބަލް ޝެފް ޗެލެންޖްގެ ސެމީ ފައިނަލްގައި ދިވެހި ޝެފް، މަހާ ނަޞީރު ފަނޑިޔާރުކަންކޮށްފިއެވެ. މަހާ މިމުބާރާތުގައި ފަނޑިޔާރުކަންކޮށްފައިވަނީ ޔޫރަޕްގައި ޙަރަކާތްތެރިވާ އެންމެ މަތީ ފަންތީގެ ޝެފުންގެ ފަނޑިޔާރުންނާއެކުގައެވެ. ގްލޯބަލް ޝެފްސް ޗެލެންޖްގެ ސެމީ ފައިނަލް ކުރިއަށްގެންދިޔައީ މިމަހުގެ 19 އިން 22ގެ ނިޔަލަށް އިޓަލީގެ ރިމިނީގައެވެ.

ދިވެހި ޝެފް މަހާ ނަޞީރަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަޔާ އާރޓްސް އެންޑް ކުޒީން އިން ޑިގްރީ ޙާސިލްކޮށްފައިވާ މީހެކެވެ. މަހާއަކީ މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑުންދޭ މާސްޓަރ ޝެފްގެ ލަޤަބު ޙާސިލްކުރި ފުރަތަމަ ދިވެހި ޝެފްވެސްމެއެވެ. އަދި އޭނާއަކީ މިވަގުތު ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލްއެވެ. މަހާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކަލިނަރީ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް މިވޭތުވެދިޔަ އަހަރުތަކުގައި ޙާސިލްކޮށްފައެވެ.


މަހާ ފަނޑިޔާރުކަންކުރި ގްލޯބަލް ޝެފްސް ޗެލެންޖްގެ ސެމީގައި ވާދަކުރި 40 ޓީމަކުން އަންނަ 2024 ވަނަ އަހަރު ސިންގަޕޫރުގައި ބާއްވާ ގްލޯބަލް ޝެފް ޗެލެންޖްގެ ފައިނަލްގައި 4 ކެޓަގަރީއަކުން ވާދަކުރާނެއެވެ. އޭގެތެރޭގައި ގްލޯބަލް ޝެފްސް ޗެލެންޖް، ގްލޯބަލް ޕޭސްޓްރީ ޝެފްސް ޗެލެންޖް، ގްލޯބަލް ވީގަން ޝެފްސް ޗެލެންޖް، އަދި ގްލޯބަލް ޔަންގް ޝެފްސް ޗެލެންޖް ހިމެނެއެވެ.