ޚަބަރު

ޖީއެސްޓީއަށް ރަޖިސްޓްރީކުރާ ކޮންމެ ވިޔަފާރިއަކުން ކޮތަޅަށް 2ރ ނެގުން ލާޒިމް


މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ނަގަން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކުންވެސް ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަންޖެހޭގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ޤަވާއިދު އެކުލަވާލައިފިއެވެ. ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުންނެވެ.

ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގާގޮތަށް، ކުނި މެނޭކްކުރުމުގެ ބިލަށް ގެނައި އިސްލާހް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ލެވީ ނެގުން، މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ފަށަން ލާޒިމްވާނެ ކަމަށެވެ. އެހެންކަމުން އަންނަ އޭޕްރީލްމަހުގެ 18ގެ ފަހުން ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގަން ފަށާނެއެވެ. އަދި އެ ޤާނޫނުގައި ވަނީ ލެވީ ނަގާނެ އުސޫލްތައް ބަޔާންކުރާ ޤަވާއިދެއް ހެދުން މީރާއަށް ލާޒިމްކޮށްފައެވެ.

ޕްލާސްޓީކް ކޮޓަޅުން ލެވީ ނަގާނެ އުސޫލުތައް ކަނޑައަޅައި، މީރާއިން އެކުލަވާލައިފައިވާ "ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ޤަވާއިދު"ގައި ވާގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީކުރުން ލާޒިމްވާ ކޮންމެ ވިޔަފާރިއަކުން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަންޖެހެއެވެ. އަދި ޖީއެސްޓީ އިސްތިސްނާވާ މުދަލެއް ކަސްޓަމަރަކަށް ކޮތަޅަކަށް ލުމަށްފަހު ދޭނަމަ، އެކޮތަޅުންވެސް 2 ރުފިޔާ ނަގަންޖެހޭކަމަށް މީރާއިން އެކުލަވާލި ޤަވާއިދުގައިވެއެވެ.

މިރާގެ ޤަވާއިދުގައި ވަނީ ޕްލާސްޓިކް ކޮޓަޅުން ލެވީގެ ގޮތުގައި ނަގާ ފީ މިރާއަށް ދައްކަންޖެހޭ ގޮތްވެސް ކަނޑައަޅާފައެވެ. އެގޮތުން، ވިޔަފާރިތަކުން ޕްލާސްޓިކް ކޮޓަޅުގެ ލެވީގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންނެވެ. އަދި ފީ ދައްކަން ޖެހޭ ތާރީޚުގައި ނުދައްކާ ނަމަ، ފީ ދައްކަން ޖެހޭ ދުވަހުން ފެށިގެން ނުދައްކާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.05 އިން ޖޫރިމަނާ ކުރާނެކަމަށް މިރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ވިޔަފާރިތަކުން ޕްލާސްޓީކް ކޮތަޅުން ނަގާ ލެވީގެ މަޢުލޫމާތު މީރާއަށް ހިއްސާނުކުރާނަމަ، މައުލޫމާތު ނުދީ ހިނގާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރާނެކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ހަމަޖެހިފަވާއިރު، ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަންނުޖެހޭ ހާލަތްތަކެއްވެސް އެބަހުއްޓެވެ.

ލެވީނެގުން އިސްތިސްނާވާ ހާލަތްތައް:

* ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
* ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅު
* ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކަރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

ޕްލާސްޓިކް ކޮތަޅުން ލެވީ ނަގަން ސަރުކާރުން ޤާނޫނުގައި ހިމެނީ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން އެކުލަވާލާފައިވާ އަމާޒަށް ވާސިލުވުމަށެވެ.

މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.

މިތަކެތި އެތެރެކުރުން މަނާކުރުން އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ދެއްވާފައިވެއެވެ. ފުރަތަމަ ލިސްޓު މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ވަނީ އާއްމުކުރައްވާފައެވެ. އެގޮތުން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.