ޚަބަރު

ރައްކާތެރިތަނަކަށްނުވާތީ ކްރިމިނަލްކޯޓުގެ އިމާރާތް ބޭނުން ނުކުރަން ނިންމައިފި


ކްރިމިނަލްކޯޓް މިހާރު ހިންގަމުންދާ އިމާރާތަކީ ބޭނުންކުރަން ރައްކާތެރި ތަނަކަށް ނުވާތީ އެ އިމާރާތުގައި މަސައްކަތް ނުކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ނިންމަވައިފިއެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ މާރުކޭޓްް ސަރަހައްދުގައި ހުރި އެސްޓީއޯ ކުރިން ހިންގި އިމާރާތުގައެވެ. އިމާރާތް ބާވެ ކޯޓް ރޫމްތެރެއަށް ވާރޭ ވެހުމާއި ފާރުތަކުން ރެނދުލާ ބައެއް ބައިތައް ވެއްޓުން ފަދަ ކަންކަން ހިގައިގެން އެކޯޓުން ކުރިޔަށް ގެންދިޔަ ބައެއް ޝަރީއަތްތައްވެސް ކެންސަލްކުރަން ޖެހެއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ލައްވާ އިންސްޕެކްޝަނެއް ހެއްދިކަމަށެވެ. އަދި އެ އިންސްޕެކްޝަނަށްފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދީފައިވާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި، ބައެއް ބަދަލުތައް ގެންނަން ނިންމަވާފައިވާކަމަށެވެ.

އެ ބަދަލުތަކުގެ ތެރޭގައި ބައު އިމާރާތް ބޭނުންކުރުން ހުއްޓާލާ ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދިއުން ހިމެނެއެވެ. އަދި
ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ހިންގުމާއި ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރާނެެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ކްރިމިނަލްކޯޓުން މިހާރު ހިންގަމުން ގެންދާ އިމާރާތައް އެ ކޯޓު ބަދަލުކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެކުރިން އެކޯޓް ހިންގަމުން ގެންދިޔައީ ޖަސްޓިސް ބިލްޑިންގައެވެ. އޭރުވެސް ކޯޓް ރޫމްތައް ކުޑަވުމާއި މައްސަލަތައް ފުނިޖެހުމުގެ ޝަކުވާ ބޮޑެވެ.