ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅުން ހުރި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ފާދިއްޕޮޅު ހިންނަވަރު ކައުންސިލާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ފަހުމުނާމާގައި ސޮއިކުރުން އޮތީ ބްރޯޑްކޮމްއިން ފާދިއްޕޮޅަށް މިހާރު ކުރަމުންދާ ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ ދަތުރުގައި މިއަދު ހިންނަވަރަށް ކުރި ޒިޔާރަތުގައެވެ.
ހިންނަވަރު ކައުންސިލް އިދާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ. ހިންނަވަރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ޝާފިޢުއެވެ. މިއީ ރަށު ކައުންސިލަކާއެކު ކޮމިޝަނުން ސޮއިކުރި މިފަދަ ފުރަތަމަ ފަހުމުނާމާއެވެ.
މި ފަހުމްނާމާގެ ދަށުން ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށާއި، މިދެ ޚިދުމަތާއި ގުޅޭ މައްސަލަތައް ބެލުމުގައި ކޮމިޝަނަށް އެއްބާރުލުން ދިނުމަށްވަނީ އެއްބަސްވެފައެވެ. މީގެއިތުރުން މި ދެދާއިރާއަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށްވެސްވަނީ އެއްބަސްވެފައެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ކޮމިޝަނުން ހިންނަވަރު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ދައުރާ ގުޅޭގޮތުން ކޮމިޝަންގެ ޓީމުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމުގައިވާ ރީބްރޯޑްކަސްޓްކުރުމުގެ ލައިސަންސް ނެތި ރަށްރަށުގައި މި ޚިދުމަތް ދިނުމުން ހުށަހެޅޭ މައްސަލަ ބެލުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތައްވެސް ކޮމިޝަނުން ފާޅުކުރެއްވިއެވެ.
މީގެއިތުރުން ކޮމިޝަނުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ރަށްރަށުގައި ތަޢާރަފްކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުންވެސް ހިންނަވަރު ރަށު ކައުންސިލާއެކު މަޝްވަރާކުރެއްވިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތާއި ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަން ރައީސްގެ އިތުރުން، ނައިބު ރައީސް މުޙައްމަދު ފަޒީނާއި ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާއާއި ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާ އާއި މޮނިޓަރިންގ އޮފިސަރ މުޙައްމަދު ޒަޢީމެވެ.