ޚަބަރު

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ސިޔާމް ނިންމަވައިފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ނިންމައިފިއެވެ.

ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ އެމްޑީއޭއިން މިގޮތަށް ނިންމީ މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. އެމްޑީއޭގެ ނާއިބު ރައީސް ޢަލީ މަޢުރޫފް ވިދާޅުވީ، އެޕާޓީގެ ކައުންސިލަށް، ސިޔާމް ބަޔާނެއް ހުށައެޅުއްވިކަމަށާއި، އެ ބަޔާނުގައި ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފައިވާކަމަށް އެންގެވިކަމަށެވެ. އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަޢުގުވެރިކަން ހުންނެވިނަމަވެސް، ސިޔާމްގެ އެ ނިންމެވުމަކީ ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތަށް ރިޔާއަތްކުރައްވާ ނިންމެވި ނިންމެވުމަށްކަމަށްވެސް މަޢުރޫފް ވިދާޅުވިއެވެ.

އެމްޑީއޭގެ ކައުންސިލުން މިއަދު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއް ހެދުމަށްވެސް ނިންމަވާފައެވެ. ނަމަވެސް އެއީ ކޮން ރިޔާސީ ކެނޑިޑޭޓެއް ނުވަތަ ކޮން ޕާޓީތަކަކާއެކުކަމެއް ނުނިންމާކަމަށް މަޢުރޫފް ވިދާޅުވިއެވެ. އޭނާ ވަނީ ކޯލިޝަން ހެދުމަށް ހުށައެޅުން ލިބިފައިވާކަމަށާއި، އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން އެފަދަ ހުށައެޅުމެއް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ސިޔާމް ނިންމެވިއިރު، ދާދިފަހުން ސިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓިން ވަނީ، ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވާފައެވެ. އަދި ރައީސް ވަނީ ކޯލިޝަން ހެދުމުގެ ދަޢުވަތު ބައެއް ސިޔާސީ ޕާޓީތަކަށް ދެއްވާފައެވެ.

އެމްޑީއޭއަކީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިސްވެ ހުންނަވާ 2012 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ.