ޚަބަރު

މޮގަދިޝޫގައި ދިން ޙަމަލާއެއްގައި 10 މީހުން މަރާލައިފި


ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ޢާންމުން ދިރިއުޅޭ ގެއަކަށް އަލް ޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިން ވަރުގަދަ ހަމަލާތަކެއް ދީ، ޢާންމުންގެ 10 މީހުން މަރައިލައިފިއެވެ. ސޮމާލިޔާގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ އަލް ޝަބާބަށް ނިސްވަތްވާ ހަނގުރާމަވެރިން ހަމަލާދީފައި ވަނީ މޮގަދިޝޫގެ ޢަބްދީޢަޒީޒް އަވަށުގައި ހުންނަ ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ކަމުގައި ސަރުކާރުން ބުންޏެވެ.

ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ އަލް ޤައިދާއާ ގާތް ގުޅުމެއް އޮންނަ އަލް ޝަބާބްގެ ހަނގުރާމަވެރިން ދިން ހަމަލާގައި ޢާންމުންގެ ތިން މީހަކު ޒަޚަމުވިއެވެ. އެ މީހުންނަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ސޮމާލިޔާގެ ސަރުކާރުން ބުނެއެވެ. ހަނގުރާމަވެރިން އެ ޢިމާރާތަށް ވަދެފައި ވަނީ، ޢިމާރާތުގެ ގޭޓުގައި ބޮމެއް ހަރުކޮށް، ގޮއްވައިލުމަށް ފަހު ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.

އަލް ޝަބާބް ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ސޮމާލިޔާގެ ސަރުކާރު ފައުޖުތަކުން މިހާރު ދަނީ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. އަދި، އެ ޖަމާޢަތުން އަތްގަދަކޮށްފައިވާ ބައެއް ރަށްތަކުން ހަނގުރާމަވެރިން ވަނީ ފައްސައިލާފައެވެ. ޢާންމުން ދިރިއުޅޭ ގެއަކަށް އަލް ޝަބާބްގެ ހަނގުރާމަވެރިން ހަމަލާދީފައި މި ވަނީ، އެ ޖަމާޢަތަށް ލިބެމުންދާ ނާކާމިޔާބީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމުގައި ސޮމާލިޔާގެ ސަރުކާރުން ޤަބޫލުކުރެއެވެ.

އަލް ޝަބާބް ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދިނުމަށް އެމެރިކާއާއި އެފްރިކާގެ އިއްތިހާދު (އޭ.ޔޫ)ގެ ސިފައިން ދަނީ ސޮމާލިޔާގެ ސަރުކާރު ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާގެ ވައިގެ ސިފައިން ދަނީ އަލް ޝަބާބްގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ. ނަމަވެސް، 2007 ވަނަ އަހަރު އުފަންވި އަލް ޝަބާބް ޖަމާޢަތުން އަތްގަދަކޮށްފައިވާ ހުރިހާ ރަށްތަކެއް މިނިވަން ކުރެވިފައެއް ނުވެއެވެ.

ހުސްވި 2022 ވަނަ އަހަރު ވެސް އަލް ޝަބާބުން ވަނީ މޮގަދިޝޫގައި ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން، އޮކްޓޫބަރު މަހުގެ ތެރޭގައި ސޮމާލިޔާގެ ތަޢުލީމާ ބެހޭ ވުޒާރާގެ ކުރިމަތީގައި ދިން ކާރުބޮމުގެ ހަމަލާތަކެއްގައި 121 މީހުން ވަނީ މަރައިލާފައެވެ.

ސޮމާލިޔާގެ ސަރުކާރާ ދެކޮޅަށް އަލްޝަބާބް ޖަމާޢަތުން ހަނގުރާމަ ފަށާފައި ވަނީ 2007 ވަނަ އަހަރުއެވެ. އަދި، އެ ޖަމާޢަތުން ވަނީ އެ ޤައުމުގެ ހިރާންއޭ ކިޔާ ސަރަޙައްދުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރު ސޮމާލިޔާ ސަރުކާރުން ސިފައިން ވަނީ، އެ ޖަމާޢަތުގެ އަތްދަށުން އެ ސަރަޙައްދު މިނިވަންކޮށްފައެވެ.