ޚަބަރު

ކުޅިވަރުން އަނިޔާލިބޭ މީހުންނަށް ޚާއްޞަ ކްލިނިކެއް މަލޭގައި


ކުޅިވަރުތަކުގައި އަނިޔާލިބޭ މީހުންނަށް ޚާއްޞަކޮށްގެން ކްލިނިކެއް މަލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭގައި ހިންގަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން ހިންގާ ޕިޒިއޯތެރަޕީއަށް ޚާއްޞަ މި ކްލިނިކް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމެވެ. މި ކްލިނިކް ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ، މާލެ ކަހަލަ އާބާދީ ސަރަހައްދެއްގައި އެފަދަ ކްލިނިކެއް ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުޅިވަރާއި އެކި ގޮތްގޮތުން ލިބޭ އަނިޔާއަށް ފަރުވާ ހޯދުމައް ކޮންމެ ފަހަރަކު ހުޅުމާލޭގައި ހުންނަ ހޮސްޕިޓަލަށް ދަތުރުކުރުމުގެ ބަދަލުގައި، މާލޭގައި އެ ހޮސްޕިޓަލުގެ ކްލިނިކެއް ހުރުމުން ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވާހަކަފުޅުގައި މިއަހަރުގެ މެދު ތެރޭގައި ސިއްޙީދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތައް ހިމެނޭހެން ޚާއްޞަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބައްދަލުވުމުގައި ސަރުކަރުން ހިންގާ ސިއްޙީ އެކި މަރުކަޒުތަކުގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތަކުން ސިއްޙީ ދާއިރާއަށް ދެމުން އަންނަ އެހީތެރިކަންވެސް ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން އެބަބަލަން، ކޮންކަހަލަ އިންތިޒާމުތަކެއްތޯ ސިއްޙީ ޚިދުމަތް ދޭ ތަންތަނުގަ، ނުވަތަ އަޅުގަނޑުމެންގެ ލައިސަންސް ދިނުމުގަ ނޫނީ އޮޕަރޭޓް ކުރުމުގައި ހުރިދަތިތަކަކީ. އެކަންކަނ ދެނެގަތުމަށް އަޅުގަނޑުމެން ގަސްތުކުރަނީ މިއަހަރުގެ މެދެއްހާ ހިސާބުގައި ޕްރައިވެޓް ސެކްޓަރުވެސް ހިމެނޭހެން ހުރިހާ ސިއްހީދާއިރާގެ މަސައްކަތް ކުރައްވާ ފަރާތްތަކާއެކީ މަޝްވަރާ ބައްދަލުވުމެއް ބާއްވަން." މިނިސްޓަރ އޮފް ހެލްތް ވިދާޅުވިއެވެ.

މާލޭގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކުން ލޭގެ ޓެސްޓުތައް ހެދޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެކި ކަހަލަ ތެރަޕީތަކާއި، ޚާއްޞަކޮށް ކުޅިވަރުން ލިބޭ އަނިޔާތަކަށް ޚާއްޞަ ސްޕޯޓްސް ތެރަޕީ އެ ކްލިނިކުން ލިބޭނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ. މީގެ އިތުރުން ކުޑަކުދިންނަށް ސްޕީޗްތެރަޕީއާއި، އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތްވެސް އެ ކްލިނިކުން ފޯރުކޮށްދޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.


މި ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ، ހުޅު ބަދަލުކުރުންފަދަ އޮޕަރޭޝަންތަކަށްފަހު ބަލިމީހުން ޚާއްޞަ ފިޒިއަތެރަޕީތަކެއް ހަދަން ޖެހޭކަމަށެވެ. މާލޭގައި ދިރިއުޅޭ އެފަދަ ބަލިމީހުން ހުޅުމާލެއަށް ދަތުރުކުރުމަކީ ތަކުލީފެއްކަމަށާއި، ނަމަވެސް މާލޭގައި ހުޅުވި އެ ހޮސްޕިޓަލުގެ ކްލިނިކުގެ ސަބަބުން އެފަދަ މީހުންނަށް ލުއިފަސޭހަވެގެންދާނެކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

"މި ކްލިނިކް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ބައެއްފަހަރު މާލޭގައި ދިރިއުޅުއްވާ ޕޭޝަންޓުން [ބަލިމީހުން] ޚާއްސަކޮށް ސަރޖަރީއެއް ހެދުމަށްފަހު ޕޭޝަންޓުން ހުޅުބަދަލުކުރަން މިސާލަކަށް ދަންނަވާނަމަ އެއްމަސްދުވަސް ވަންދެން އެބަޖެހޭ ޕިޒިއޯތެރަޕީ ޚިދުމަތް ހޯދަން. އެހެންވީމަ މާލެއިން ކޮންމެ ދުވަހަކު އެހެންދިއުމަކީ ދަތި ކަމެއްކަން ފާހަގަކުރެވުނީމަ ބޯޑުން ނިންމެވީ މާލެގައި މި ޚިދުމަތް ލިބޭނެ ކޮންމެވެސް ގޮތެއް ހަމަޖައްސަވަން" އާދިލް މޫސާ ވިދާޅުވިއެވެ.

މާލޭގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކުން ދޭ ޚިދުމަތްތަކަށް އާސަންދަ ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މި ކްލިނިކް ޤާއިމްކޮށްފައިވަނީ ބުރުޒުމަގު، މއ.ޗަންޕާވިލާގައެވެ.