ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޔުކްރެއިންއަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖަޕާނުން ޔުކްރެއިނަށް ފޯރުކޮށްދެމުން އަންނަ އިންސާނީ އެހީތެރިކަން 5.5 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރާނެކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ހޯމަދުވަހު ވިދާޅުވެއްޖެއެވެ.
މިއީ ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ގުޅިގެން ޖަޕާނުން ކީވްއަށް ފޯރުކޮށްދޭން ވައުދުވި އެހީގެ މިންވަރަށް ވުރެ ގާތްގަނޑަކަށް 4 ގުނަ އިތުރު އަދަދެކެވެ.
އެހީ ފޯރުކޮށްދެއްވާނެކަމަށް އިއުލާނުކުރައްވަމުން ބޮޑުވަޒީރު ކިޝީޑިއާ ވިދާޅުވި ގޮތުގައި ޖަޕާނު އޮތީ ގާނޫނުތަކެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން އަދި ހުޅުވާލެވިފައިވާ ބައިނަލްއަގްވާމީ ގުޅުންތައް ދެމެހެއްޓުމަށާއި ރަޝިޔާގެ ހަރުކަށިކަމާއި ދެކޮޅަށް ޔުކްރެއިނުން ކުރަމުން އަންނަ ހަނގުރާމާގައި ކީވްއަށް ދުނިޔެއިން ވެދެމުންގެންދާ އެހީގެ މަސައްކަތްތަކުގައި އިސް ރޯލެއް އަދާކުރެވޭނެ ހާލަތެއްގައެވެ.
މީގެ ކުރިން ޓޯކިޔޯއިން ވަނީ 600 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަމާއި 700 މިލިއަން އެމެރިކާ ޑޮލަރުގެ އިންސާނީ އެހީ ހިމެނޭ ގޮތަށް މެޑިކަލް ސާމާނާއި ކާބޯތަކެތީގެ އެހީތެރިކަން ޔުކްރެއިނަށް ފޯރުކޮށްދިނުމަށް ވައުދުވެފައެވެ. އަދި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއާއި ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޖަޕާނުން ވަނީ ތާއީދުވެސް ކޮށްފައެވެ.
މީގެކުރިން މިދިޔަ އަހަރު ދެއްވި ހިތާބެއްގައި ރަޝިޔާގެ ހަނގުރާމައާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކިޝީޑާ ވަނީ ޔުކްރެއިނަކީ މާދަމާގެ އިރުމަތީ އޭޝިއާކަމަށް ވެދާނެކަމަށް ވިދާޅުވެފައެވެ.
ރަޝިޔާއިން ޔޫކްރެއިނާއި ދިމާކޮށް ދައްކަމުން އަންނަ ރުޅިވެރިކަމާއި ހަރުކަށިކަމަކީ ހަމަ އެކަނި ޔޫރަޕުގެ މައްސަލައެއް ނޫންކަމަށާއި އެއީ ބައިނަލްއަގްވާމީ މުޖުތަމައުގައި ހެދިފައި އޮތް ގާނޫނުތަކާއި އުސޫލުތަކަށް ގޮންޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނަށް ކުރިމަތިވެފައިވާ "އެންމެ ސީރިއަސް" ސަލާމަތީ މާހައުލު މިހާރު އަނެއްކާވެސް ކުރިމަތިވެފައިވާއިރު، އުތުރު ކޮރެއާގެ ނިއުކްލިއާ މިސައިލު ޕްރޮގްރާމާއި "ގަދަބާރުން އިރުމައްޗާއި ދެކުނު ޗައިނާ ކަނޑުގައި ކަނޑައެޅިފައި އޮތް އުސޫލުތައް ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ" ވާހަކަ ދައްކަވާފައެވެ.
ޖަޕާނުގެ އަސްކަރީ ޚަރަދުތައް އިތުރުކޮށްފައިވާ ކަމަށާއި ޖަޕާނުގެ ސަލާމަތަށް ނުރައްކާވާ ކަންކަމާއި ދެކޮޅަށް ދުރު ރާސްތާގެ ހަތިޔާރުތައް ގަތުމުގެ ވިސްނުން ގެންގުޅޭކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ކިޝީޑިއާ ވަނީ އިއުލާނުކުރައްވާފައެވެ.