ޚަބަރު

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އޯގަސްޓް 6ގައި


މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އޯގަސްޓުމަހުގެ 6 ވަނަ ދުވަހު ފަށާ ގޮތަށް ނިންމައި، ދިރާސީ އަހަރުގެ ކަލަންޑަރު އާއްމުކޮށްފިއެވެ.

ޖެނުއަރީމަހު ފަށަމުންދިޔަ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ތާރީހަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ދިރާސީ އަހަރުގެ ކަލަންޑަރުގައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޯގަސްޓްމަހުގެ 6 ވާ އާދިއްތަ ދުވަހުއެވެ. އަދި އޯގަސްޓަމަހުގެ 20 ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފުރަތަމަ ޓާރމްގެ އިމްތިހާން ކުރިއަށްދާނެއެވެ. އަދި ގްރޭޑް 11ގެ ކިޔެވުން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގައި ފަށާނެއެވެ.

ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފެށެނީ ޑިސެމްބަރު 21 ގައެވެ. އަދި މި އަހަރުގެ ދެވަނަ ޓާމުގެ ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުގައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމާ، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ.

2021 ވަނަ އަހަރުގެ ކުރިން ރާޢްޖޭގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީމަހުއެވެ. ނަމަވެސް 2021 ވަނަ އަހަރު ދިރާސީ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެނައީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ ދަރިންނާއި އެކު ޗުއްޓީ ހޭދަކުރުމަށް ފުރުސަތު ތަނަސްވަސްކޮށްދިނުމުގެ ގޮތުންނެވެ. މި ބަދަލު ގެނެސްފައިވަނީ ކަމާއި ގުޅޭ އިދާރާތަކާއި ބެލެނިވެރިންގެ މަޝްވަރާއާއި ލަފާ ހޯދުމަށްފަހުއެވެ. މީގެ އިތުރަށް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކަކީ ދިރާސީ އަހަރު ފަށާ ތާރީހަށް ބަދަލު ގެނައި އެއް ސަބަބެވެ.