ޚަބަރު

އިންޑިއާއިންދޭ 34 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު


އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް(އައި.ސީ.ސީ.އާރް)އިން ރާއްޖެއަށް ދޭ 34 ސްކޮލަޝިޕްއަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އައި.ސީ.ސީ.އާރުން ވޭތުވެދިޔަ 10 އަހަރު، 165 ދިވެހިންނަށް ކިޔެވުމުގެ ފުރުޞަތު ފަހިިކޮށްދީފައިވެއެވެ. މިއީ ރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް، ތަޢުލީމާއި ތަމްރީން ލިބިފައިވާ މީހުން އުފެއްދުމަށް އެހީވުމަށް އެ ކައުންސިލްގެ ފަރާތުން ފަހިކޮށްދެމުން އަންނަ ފުރުޞަތެކެވެ.

"އައިސީސީއާރް ސްކޮލަރޝިޕް 2023-2024"ގެ ދަށުން ހުޅުވާލާފައިވާ ފުރުޞަތުގެ ތެރޭގައި އަންޑަރ ގްރެޖުއޭޓް، ޕޯސްޓް ގުރެޖުއޭޓް، އަދި ޕީއެޗްޑީ ލެވަލްއަށް ފުރުޞަތު ހުޅުވާލާފައިއެވެ. މީގެތެރޭގައި ހުއިމެނިޓޭރިއަން، ސައިންސް، ކޮމަރސް، އިންޖިނިއަރިން، ބިޒްނަސް ސްޓަޑީސް އަދި އެހެނިހެން ދާއިރާތައްވެސް ހިމެނެއެވެ. މިއީ ކޯހުގެ ހުރިހާ ޚަރަދުތައް ހިމެނޭހެން ދޭ "ފުލީ ފަންޑެޑް ސްކޮލަރޝިޕް"ތަކެކެވެ.

މީގެ އިތުރުން ފަންނުވެރިކަމުގެ ދާއިރާތަކުން މަތީ މަޢުލީމު ހޯދުމުގެ ފުރުޞަތުތަކެއްވެސް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި މިއުޒިކާއި ނެށުމުގެ ދާއިރާ، ތިއޭޓަރ، ޕަރފޯމިން އަރޓްސް ފަދަ ދާއިރާތައްވެސް ހިމެނެއެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރިލް މަހުގެ 30ވަނަ ދުވަހު ނިޔަލަށެވެ. ކޯސްތަކަށް ކުރިމަތިލެވޭނީ 18އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ. ނަމަވެސް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތަށް، އުމުރުން 45އަހަރާއި ހަމައަށް ލިބޭނެއެވެ.

މި ސްކޮލަރޝިޕް ފުރުޞަތާ ގުޅޭ އިތުރު މަޢުލޫމާތު ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ލިބޭނެއެވެ.