ވިޔަފާރި

ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އާންމުންނަށް ހުޅުވާލައިފި


ބޭންކް އޮފް މޯލްޑިވްސްގެ މާފުށީ ބްރާންޗް ހުޅުވައި، ބީއެމްއެލް ޕޭމެންޓް ގޭޓްވޭ ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޭންކްގެ 28 ވަނަ ބްރާންޗު ހުޅުއްވައިދެއްވައި، ބީއެމްއެލް ޕޭމެންޓް ގޭޓްވޭ ޢާންމުކޮށް ހުޅުއްވައިދެއްވީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. ބީއެމްއެލް ޕޭމެންޓް ގޭޓްވޭ އަކީ، އޮންލައިންކޮށް ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް ތައްޔާރުކުރި ޕްލެޓްފޯމެކެވެ. މި ޚިދުމަތް ބޭންކުން މީގެ ކުރިން ދެމުންއައީ، ޚާއްޞަ ހުއްދައެއްގެ ދަށުން ބޮޑެތި ކުންފުނިތަކަށާއި ސަރުކާރުގެ ބައެއް ބޭނުންތަކަށެވެ. ބީއެމްއެލުން މި ޚިދުމަތް ޢަންމުކޮށް ތަޢާރަފްކުރުމާއެކު ކުދި ބޮޑު ހުރިހާ ވިޔަފާރި މުޢާމަލާތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމަށް މި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ. މި ޚިދުމަތްތައް ފެށުމުގެ ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލުން ތަޢާރަފްކުރި ޕޭމެންޓް ގޭޓްވޭގެ ސަބަބުން ކުދި ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެން ދާނެކަމަށެވެ. އަދި ޒުވާނުން ވިޔަފާރީގެ ދާއިރާއިން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ އިޤްތިޞާދީ އަމާޒު ޙާޞިލްކުރެއްވުމުގައިވެސް ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މުހިންމު ދައުރެއް އަދާކުރާނެކަމަށް ސަޢީދު ވިދާޅުވިއެވެ.ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލް ޕޭމެންޓް ގޭޓްވޭގެ އެހީގައި ދިވެހި ވިޔަފާރިތަށް ހުޅުވާލެވިގެން ދަނީ، އީ-ކޮމާސްގެ ދުނިޔެއަށް ކަމަށެވެ. އަދި މި ޚިދުމަތަކީ، ސަލާމަތީގޮތުން ވަރުގަދަ ޚިދުމަތެއްކަން އެންޑްރޫ ފާހަގަކުރެއްވިއެވެ.ބީއެމްއެލް ޕޭމެންޓް ގޭޓްވޭ ޢާންމުކޮށް ތަޢާރަފްކޮށްފައި މިވަނީ، ބޭންކްގެ 28 ވަނަ ބްރާންޗް މާފުށީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ބޭންކުގެ ބްރާންޗެއް މާފުށީގައި ހުޅުވުމަށް ނިންމާފައިވަނީ، ފާއިތުވިއަހަރުއެވެ. މާފުށީ ބްރާންޗަކީ، މި އަހަރު އަތޮޅުތެރޭގައި އެ ބޭންކުން ހުޅުވުމަށް ކަނޑައަޅާފައިވާ 7 ބްރާންޗުގެ ތެރެއިން ފުރަތަމަ ބްރާންޗެވެ.