ޚަބަރު

އެސްޓީއޯއިން ޔަޤީންކަންދެނީ ފިޔާ، ބިސް، އަލުވި ހުސްނުވެ ލިބޭނެކަމަށް


އެސްޓީއޯއިން ވިއްކާ ފިޔާ، ބިސް އަދި އަލުވި ހެޔޮ އަގެއްގައި، ހުސްނުވެ އަންނަ ރަމަޟަންމަހުވެސް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. ކޮންމެ ރޯދަމަހުވެސް އެސްޓީއޯއިން ދަނީ ފިޔާ، ބިސް އަދި އަލުވި ހެޔޮ އަގެއްގައި ވިއްކަމުންނެވެ.

ރޯދަމަހު އެންމެ ޑިމާންށް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އަދި މިބާވަތްތަކުގެ ޑިމާންޑް ބޮޑުވުމާއިއެކު، ރާއްޖޭގެ ފިހާރަތަކުންނާއި، ބާޒާރުން އެބާވަތްތަކުގެ އަގު އުފުލެއެވެ. އެހެންކަމުން، މިބާވަތްތައް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކޮންމެ ރޯދަމަހަކުވެސް އެސްޓީއޯއިން ދަނީ ފިޔާ، ބިސް އަދި އަލުވި ރާއްޖެ އެތެރެކޮށް ވިއްކަމުންނެވެ.

އެސްޓީއޯއިން ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅު ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ސްޓޮކް ލިބޭނެކަމަށެވެ. އަދި މިބާވަތްތަކުގެ އަގު އުފުލިޔަނުދީ، އާންމުނަށް ފޯރުކޮށްދިނުމަށް އެސްޓީއޯއިން މިހާރު ތައްޔާރުވެފައިވާކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.

ރޯދަމަހަކީ ތަކެތީގެ އަގު އުފުލި، އާންމުންގެ ޝަކުވާ އިތުރުވާ މަހެކެވެ. އެގޮތުން، އެސްޓީއޯ ފުރަތަމަ ހުޅުވީވެސް މިކަމަށް ހައްލު ހޯދައިދިނުމަށެވެ. އަދި މިހާތަނަށްވެސް އެކުންފުނި ހިންގަމުން ދަނީ އެއަސްލުގެ މަތީގައިކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

ރޯދަމަހު ރައްޔިތުނަށް ލުއިފަސޭހަކޮށްދިނުމަށް އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިހާރައެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.