ޚަބަރު

ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓީއޯގެ ފިހާރައެއް ހުޅުމާލޭ ދެވަނަ ފިވަހީގައި


އަންނަ ރަމަޞާންމަހުގެ ކުރިން ހުޅުމާލޭ ދެވަނަ ފިވަހީގައި ފިހާރައެއް ހުޅުވަން ނިންމާފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. މިފިހާރަ އަންނަ މަހު ހުޅުވާ ޚިދުމަތްދޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިވަހީގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ތަކެތި ހެޔޮ އަގުގައި ގަންނަ ލިބޭނެ ގޮތެއް ނެތުމެވެ. މިކަން ހައްލުކޮށްދިނުމަށް އެސްޓީއޯއިން ވަނީ ހުޅުމާލޭ ދެވަނަ ފިވަހީގައި ފިހާރައެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.

އެސްޓީއޯއިން ވިދާޅުވީ މިފިހާރާގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާމަށެވެ. އަދި އަންމަ މަހު މިފިހާރަ ހުޅުވާ ޚިދުމަތްދޭން ފަށާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ޚިދުމަތް ލިބޭނެއެވެ. އަދި އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތަކާއި ރޯދަމަހަށް ޚާއްޞަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް މިފިހާރައިން ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ރޯދަމަހަށް ޚާއްސަކޮށްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، އެކުންފުނިން ދަނީ ހުޅުމާލޭގައި ކޭޝިއަރެއް ނުހުންނަ ފިހާރައެއްވެސް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިފިހާރަވެސް އަންނަ މަހު ހުޅުވަން ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން އަންނަނީ އެކުންފުނީގެ ވިޔަފާރި ފުޅާކުރަމުންނެވެ. އެގޮތުން އެސްޓީއޯއިންވަނީ ބޮޑެތި ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާކެޓު ބޮޑުކޮށް މިދިޔަ އަހަރުގެ މާރޗްމަހު ހުޅުވާފައެވެ. މިއާ އެކު އެ ތަނުގައި މިހާރު އާންމު ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަދީފައެވެ. މީގެތެރޭގައި ބޭކަރީތަކާއި، ބުކްޝޮޕްތައް އަދި ރީތިވުމަށް ބޭނުންވާ ސާމާނާއި، ކުޑަކުދިން ކުޅޭ ސާމާނު ވިއްކާ ފަރާތްތަކުން އަންނަނީ ތަކެތި ވިއްކަމުންނެވެ.

އެސްޓީއޯއިން އަބަދުވެސް ބުނަމުންދަނީ އެކުންފުނީގެ އަމާޒަކީ އައު އަދި ބޮޑެތި ކަންތައްތަކަށް އިންވެސްޓުކޮށް، އާއްމުން ނުކުރާ ވިޔަފާރި ކުރުން ކަމަށެވެ.