އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުއްލި ދަތުރުފުޅެއްގައި ޔޫކްރެއިނުގެ ވެރިރަށް ކީވްއަށް ވަޑައިގަންނަވައިފިއެވެ. ކީވްއިން އޭނާއަށް މަރުޙަބާ ވިދާޅުވެފައި ވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާއި އަނބިކަނބަލުން އޮލޭނާ ޒެލެންސްކީއެވެ. ބައިޑަން ޔޫކްރެއިނަށް ވަޑައިގަންނަވާފައި މި ވަނީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައަށް އެއް އަހަރު ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ.
މިއީ، ހަނގުރާމަ ފެށި ފަހުން ބައިޑަން ކީވްއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޒެލެންސްކީއާ އެކު ކީވްގައި ބޭއްވެވި ބައްދަލުވުމުގައި ބައިޑަން ވަނީ، ޔޫކްރެއިނާ އެކު އެމެރިކާއިން ދެމިއޮންނާނެ ކަމުގެ ޔަޤީން ކަން އަރުވާފައެވެ. އޭނާގެ މި ދަތުރުފުޅަކީ، އެ ކަން ސާބިތުކޮށްދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ބައިޑަން ކީވްއަށް ވަޑައިގެންނެވި ވަގުތުގައި ވެސް، "އެއަރ ރެއިޑް ސައިރެން" ނުވަތަ ވައިގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރުގެ ރަނގަބީލު ދިޔައީ ޖަހަމުންނެވެ. ނަމަވެސް، ކީވްއަށް މިސައިލް ހަމަލާއެއް، ނުވަތަ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން ވައިގެ ހަމަލާއެއް ދީފައިވާ ކަމުގައި ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އިސްވެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް ބައިޑަންގެ މި ދަތުރުފުޅުގައި އިޢުލާނު ކުރައްވާނެ ކަމުގައި ވައިޓް ހައުސްއިން ބުނެއެވެ.
އޭނާ ކީވްއަށް ވަޑައިގަންނަވާފައި މި ވަނީ، ހަނގުރާމައަށް އެއް އަހަރު ފުރުމާ ގުޅިގެން ޕުޓިން ޚާއްޞަ ތަޤުރީރެއް ދެއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، ހަނގުރާމައިގެ ދެވަނަ އަހަރު ރަޝިޔާއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އިޢުލާނު ކުރައްވަން ޕުޓިން ގެންދަވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.
މި ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ފަށާފައިވާ އެންމެ ބޮޑު، އަދި އެންމެ ނުރައްކާތެރި ހަނގުރާމައެވެ. ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުގެ އަސްކަރީ އެހީއާ އެކު ޔޫކްރެއިނުން ވަނީ ރަޝިޔާގެ ފައުޖުތައް ހުއްޓުވާފައެވެ. އަދި، ބައެއް ސަރަޙައްދުތަކުން ރަޝިޔާ ސިފައިން ފައްސައިލާފައިވާ ކަން ވެސް ފާހަގަކުރެއެވެ.
ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީގައިވާ ދޮންބާސްގެ ދެ ސަރަޙައްދެއް ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ ބޮޑު ބައެއްގެ އިތުރުން އެ ޤައުމުގެ ދެކުނުގައިވާ ޒަޕޮރީޜިޔާ ހިމެނެއެވެ. ޔޫކްރެއިނުގެ ސިފައިން ވަނީ ޚާރްސަންއިން ރަޝިޔާ ސިފައިން ފައްސައިލާ، ފަހަތަށް ޖައްސާފައެވެ.