ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ބްރެޒިލްގެ އިރުދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 36 އަށް އަރައިފިއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ އިރުދެކުނުގައިވާ ސައޮ ޕައުލޯއަށެވެ.
ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސައޮ ޕައުލޯގެ ރަށެއް ކަމުގައިވާ ސައޮ ސެބަސްޓިޔާއޯގެ ބޮޑު ސަރަޙައްދެއް ވަނީ ފެނު އަޑީގައެވެ. އަދި، އުސް ބިންތަކުން ފެންގަނޑު ފޭބުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ޢިމާރާތްތަކާއި، މަގުތަކާއި ހައިވޭތަކުގެ އިތުރުން އެއްގަމު އުޅަނދުފަހަރަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ވެއްޓިފައިވާ ބައެއް ޢިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ތެރެއިން 35 މީހުންނަކީ ސައޮ ސެބަސްޓިޔާއޯގެ ރައްޔިތުންނެވެ. އުބަޓޫބާ ކިޔާ ރަށެއްގައި ވެސް ކުޑަ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ. ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ސައޮ ޕައުލޯގެ މަދަނީ ސަލާމަތާ ބެހޭ އިސް އޮފިޝަލެއް ކަމުގައިވާ ހެންހުއޭލް ޕެރޭރާ ވިދާޅުވިއެވެ.
މި ހާދިސާތަކާ ގުޅިގެން ސައޮ ޕައުލޯގައި 228 މީހެއްގެ ގެދޮރު ހަލާކުވެފައިވާ ކަމުގައި އެ ސްޓޭޓްގެ ގަވަރުނަރު ޓަރްސީސިޔޯ ޑެ ސިލްވާ ވިދާޅުވިއެވެ. އަދި، އިތުރު 338 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ހާދިސާތަކާ ގުޅިގެން އެ ސްޓޭޓްގެ ފަސް ރަށެއްގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސައޮ ސެބަސްޓިޔާއޯއަށް 600 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި ބްރެޒިލްގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެއީ، އެ ސަރަޙައްދަށް މަހެއްގެ މައްޗަށް އެވްރެޖުކޮށް ވާރޭވެހޭ މިންވަރަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ. ވިއްސާރަވުމާ ގުޅިގެން ސައޮ ސެބަސްޓިޔާއޯގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގައި އަލިފާން ނިއްވާ ޓީމުތަކާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރުތައް ބޭނުންކުރަން ވަނީ ފަށާފައެވެ. ހުސްވި 2022 ވަނަ އަހަރު ބްރެޒިލްގެ ޕްޓްރޮޕޮލިސް ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 230 މީހުން މަރުވިއެވެ.