ޚަބަރު

ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާހު ބަލައިގެންފި


އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ކޯޓެއް މެދުވެރިކޮށް ވަޒީފާގެ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތަށް ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 40 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.ވަޒީފާއާއި ބެހޭ ޤާނޫނަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާޢީލް ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ޤާއިމްކުރައްވާފައި ނުވާ ރަށްރަށުގައި، އުފެދޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިޚްތިސާސް ހިނގާ މައްސަލައެއް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށެވެ. އަދި އެ މައްސަލާގައި ގޮތެއް ނިންމާނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މި އިޞްލާހުގައި ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަަލައެއްގެ އަޑުއެހުންތައް ބަލާނީ ވަަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އަޑުއެހުންތައް ބާއްވާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ނުވަތަ އެނޫންވެސް އެފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރައްވައިގެން ކަމަށާއި، އެފަދަ މައްސަލަތަކުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބޭނުންވާ އިދާރީ އެއްބާރުލުން މައްސަލަ ހުށަހެޅޭ ދަށު ކޯޓަކުން ފުރިހަމައަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.މިބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން އިޞްލާޙަށް ތާޢީދުކުރެއްވިއެވެ. މިއީ އަތޮޅުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާއާއި ބެހޭ މައްސަލަތައް ފަސޭހަކާމާއެކު ހުށައެޅުމަށް ލިބިގެންދާނެ ފުރުޞަތަކަށް ވާނެކަމަށް މެމްބަރުން ވިދާޅުވިއެވެ. ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބައްލަވާނެ އުޞޫލު މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ޤަވައިދުގައި ހިމަނުއްވާ ޢާންމުކޮށް ޝާއިޢުކުރަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ.