ޚަބަރު

ޖަލުތަކުގެ ލާއިންސާނީ 11 މައްސަލައެއް، އަޑުއެހުންތައް އާދީއްތަ ދުވަހު ފަށަނީ


ޖަލުތަކުގައި ހިންގާފައިވާ ލާއިންސާނީ ޢަމަލުތަކުގެ 11 މައްސަލައެއް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައަޅާފައިވާކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން، ޖަލުތަކާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް މިމަހުގެ 26ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް، ދަޢުލަތް ހިމެނޭހެން ހިނގާފައިވާ ލައިންސާނީ ޢަމަލުތައް ތަޙުޤީޤުކޮށް އިންސާފު ހޯދައިދިނުމަށް 2020ވަނަ އަހަރު އެކުލަވާލި އޮފީހެކެވެ.

އެ އޮފީހަށް މައްސަލަތައް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 488 މައްސަލައެއް ހުށައަޅާފައިވެއެވެ. އޭގެތެރެއިން 452 މައްސަލަ ބެލުމަށް އެ އޮފީހުން ނިންމާފައިވެއެވެ. އޮމްބަޑްސްޕާސަންގެ އޮފީހުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި ޖަލުތަކުގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އައިޝަތު ފަތުޙީ ވިދާޅުވީ، ޖަލުތަކާއި ގުޅޭ 11 މައްސަލައެއް އެ އޮފީހަށް ހުށައަޅާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަތަކުގެ އަދަދުނަމަވެސް، މީގެތެރޭގައި ވަރަށް ބޮޑެތި ސީރިއަސް މައްސަލަތައް ހިމެނޭކަމަށެވެ. މި އަޑުއެހުންތައް އާއްމުކޮށް ހުޅުވާނުލާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީވެސް، އެ މައްސަލަތަކުގެ ހައްސާސްކަމުންކަމަށް އޭނާ ވިދާޅުވިއެވެ.

އައިޝާތު ފަތުޙީ ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން 150 މީހަކު، މަޢުލޫމާތު ޙިއްސާކުރުމަށް ހުށައެޅިކަމަށެވެ. އޭގެތެރެއިން 50 މީހެއްގެ ބަޔާށް ނެގުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި އަޑުއެހުންތައް ކުރިއަށްގެންދާނީ ދެ ބަޔަކަށެވެ. އެއީ މާފުށީ ޖަލުގައި ކުރިއަށްގެންދާ ބަޔާންނެގުމުގެ އަޑުއެހުންތަކާއި، މާލޭގައި ކުރިއަށްގެންދާ ބައެކެވެ.

"އެކިގޮތްގޮތުން ބަލާ 50 މީހުންގެ ބަޔާން ނެގުމަށް ނިންމާފައިވަނީ. މީގެ ގިނަ މީހުންގެ ބަޔާން ނަގާނީ މާފުށީގައި ކުރިއަށްގެންދާ އަޑުއެހުމުގައި. މާލެއިން 12 މީހެއްގެ ބަޔާން ނަގާނެ." އައިޝަތު ފަތުުހީ ވިދާޅުވިއެވެ.

މި މައްސަލައިގައި ބަޔާން ނަގާ މީހުންގެ ތެރޭގައި މިހާރުވެސް ޙުކުމް ތަންފީޒުވަމުންދާ ގިނަ ބަޔަކު ހިމެނެއެވެ. ޖަލުގައި ކުރިއަށްދާ އަޑުއެހުންތައް އޮންނާނީ މިމަހުގެ 26އިން ފެށިގެން އަންނަ މަހުގެ 4އަށެވެ. މާލޭގައި އަޑުއެހުންތައް ކުރިއަށްގެންދާ ތާރީޚްތައް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބަޑްސްޕަރސަން އަލްއުސްތަޛު ޢަބްދުއްސަލާމް ޢާރިފް ވިދާޅުވީ، އަޑުއެހުންތައް "ކްލޯޒްޑް ހިއަރިން" ނުވަތަ ސިއްރުކޮށްގެން ގެންދިއުމަށް ނިންމީ، އާންމުކޮށް ހުޅުވާލައިފިނަމަ ބައެއް ކަހަލަ ވާހަކަތައް ދެއްކުމުގައި ބަޔާން ދޭ މީހުން ފަސްޖެހިދާނެތީކަމަށެވެ. އަދި އަޑުއެހުންތައް ސިރުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ބަޔާންދޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ޗީފް އޮމްބަޑްސްޕަރސަން ވިދާޅުވިއެވެ.

"ބަންދުގައި ހުކުމް ތަންފީޒްކުރަމުންދާ މީހުންނާ، ދޫވެފައިވާ މީހުން އެބަ ހިމެނޭ. މީގެ އަސްލު މަޢުލޫމާތު ނެގޭނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ގެންގޮސްގެން." ޢަބްދުއްސަލާމް ވިދާޅުވިއެވެ.

ޖަލުތަކާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ޤާނޫނުން ކަނޑައަޅާ އަސާސީ ޙައްގުތައް ނުލިބުމާއި، ޤާނޫނާ ޚިލާފަށް ބަންދުގައި ބެހެއްޓުމާއި، ޙައްގުތަކުން މަހުރޫމުކުރުމާއި، ޝަރީއަތް ނުނިމި ބަންދުގައި ދިގު މުއްދަތައް ބޭތިއްބުމާއި، ޙުކުމް ނުކުރެވި ތިބި މީހުންގެ މައްސަލަތައްވެސް ހިމެނެއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ ހިންގުން، މިއަހަރުގެ ނޮވެމްބަރު 17އާއި ހަމައަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ. މި މުއްދަތުގައި މި މައްސަލަ ބަލާ ނިންމާނެކަމުގެ ޔަގީންކަން އެ އޮފީހުން ދެއްވާފައިވެއެވެ.

އަދި މައްސަލަ ބެލުމަށް ފަހުގައި އޭގެ ރިޕޯޓެއް އާއްމުކުރުމަށްވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމާފައިވެއެވެ. އެ އޮފީހުން ވިދާޅުވީ، މިފަދަ މައްސަލަތައް ބެލުމުގެ އެންމެ ބޮޑު މަޤުޞަދަކީ ދަޢުލަތް ހިމެނޭހެން ހިނގާ ކުށްތަށް ހުއްޓުވާ، ޤާނޫނާއި ޤަވައިދަށް ޢަމަލުކުރުމާއި ކަމާ ގުޅުހުންހުރި ދާއިރާތައް އިސްލާޙުކުރުންކަމަށެވެ.