ޔަހޫދީ އިސްރާޢީލުން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި 15 މީހުން މަރުވެއްޖެއެވެ. މިސައިލް ހަމަލާ އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ ދިހަ ބުރީގެ ޢިމާރާތަކަށެވެ. މި ހަމަލާގައި އެ ޢިމާރާތަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ސޫރިޔާގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ސީރިޔަން އޮބްޒަވޭޓަރީ ފޯރ ހިޔުމަން ރައިޓްސްއިން ބުނީ އިސްރާޢީލުގެ މިސައިލް ހަމަލާތައް ދީފައި ވަނީ އީރާނުގެ ސަޤާފީ މަރުކަޒެއް ކައިރީގައި ހުންނަ ޢިމާރާތަކަށް ކަމުގައެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ޢާންމުން ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.
2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ، އިސްރާޢީލުގެ އަސްކަރިއްޔާއިން ދަނީ ދޭތެރެދޭތެރެއިން އެ ޤައުމަށް ހަމަލާދެމުންނެވެ. ޔަހޫދީ އަސްކަރިއްޔާގެ ވައިގެ ހަމަލާތައް ޢާންމު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ސޫރިޔާގެ އަސްކަރިއްޔާއާއި، އިރާނުގެ ފައުޖުތަކާއި ލުބުނާނުގެ މުޖާހިދުންގެ ޖަމުޢިއްޔާ ހިޒްބުﷲގެ އަމާޒުތަކަށެވެ. ނަމަވެސް، ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވެއެވެ.
ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ދިމިޝްޤަށް ހަމަލާދީފައި ވަނީ ގޯލާންގެ އުސްބިންތަކުގައި ހަރަކާތްތެރިވާ ޔަހޫދީ އިސްރާޢީލުގެ ސިފައިން ކަމުގައެވެ. އަދި، ހަމަލާތައް އަމާޒުކޮށްފައިވާ ކަފްރު ސޫސާ ސަރަޙައްދަކީ، ސޫރިޔާ ސަރުކާރާއި ސަލާމަތީ ޚިދުމަތްތަކާއި ޖާސޫސީ އިދާރާގެ މައި އޮފީސްތައް ހުންނަ ސަރަޙައްދަކަށް ކަމުގައެވެ.
ޔަހޫދީންގެ މިސައިލް ހަމަލާގައި ސޫރިޔާ ސިފައިންގެ މީހަކު މަރުވި ކަމަށާއި، ޢާންމުންގެ އިތުރު 15 މީހަކު ޒަޚަމުވި ކަމުގައި ވެސް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. މިއީ، ޔަހޫދީ އިސްރާޢީލުން ސޫރިޔާއަށް އަމާޒުކޮށް ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމުގައި ސީރިޔަން އޮބްޒަވޭޓަރީ ފޯރ ހިޔުމަން ރައިޓްސްއިން ބުންޏެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް ޔަހޫދީ އިސްރާޢީލުން ވަނީ ދިމިޝްޤަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ދިމިޝްޤުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރޭގައި ސޫރިޔާގެ ސިފައިންގެ ދެ މީހުން ހިމެނެއެވެ. ޖަނަވަރީ 2 ވަނަ ދުވަހު ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ހިޒްބުﷲއާއި އީރާނަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ސޫރިޔާއަށް ހަމަލާ ދިނުމަށް ފަހު އެ ކަމުގެ ޒިންމާ އުފުލުމަކީ ޔަހޫދީ އިސްރާޢީލުން ކޮށްއުޅޭ ކަމެއް ނޫނެވެ. ނަމަވެސް، ސޫރިޔާގައި އީރާނުގެ ނުފޫޒު އިތުރުކުރަން ކުރާ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރާނެ ކަމުގައި ޔަހޫދީ އިސްރާޢީލުން ދަނީ ބުނަމުންނެވެ. އަދި، ސޫރިޔާގައި ހިޒްބުﷲ ފަދަ ޖަމާޢަތެއް އުފެއްދުމުގެ ފުރުޞަތު ނުދޭނެ ކަމުގައި ވެސް ޔަހޫދީން ދަނީ ބުނަމުންނެވެ.
ޔަހޫދީ އިސްރާޢީލުން ދިމިޝްޤަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި މި ވަނީ، ޖަނަވަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންގެލުމެއްގައި ސޫރިޔާގެ ބޮޑު ސަރަޙައްދެއް ސުންނާފަތިވެފައިވާ ދަނޑިވަޅެއްގައެވެ. ތުރުކީވިލާތުގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 46,000 އިން މައްޗަށް އުފުލިފައިވާއިރު، ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުން ވެސް އެތަކެއް ހާސް ބަޔަކު މަރުވިއެވެ.