ދުނިޔެ

ސޫރިޔާގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުން


ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުމެއް އެމެރިކާއާއި ރަޝިޔާއިން އިޢްލާންކޮށްފިއެވެ. މިއެއްބަސްވުމުގައި ބުނެފައިވަނީ ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުން ރަސްމީ ސިފައެއްގައި ތަންފީޒުކުރަން ފަށާނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ބާރަޖަހާއިރު ކަމަށެވެ.ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ބުނާގޮތުން ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންވެސް ތިބީ ޙަމަލާތައް ހުއްޓާލުމަށް ތައްޔާރުވެގެންނެވެ. އެހެންކަމުން ޙަމަލާތައް ހުއްޓާލުމަށް ނިންމިކަން އަންނަ ހުކުރު ދުވަހުގެ މެންދުރު ކުރިން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ރަސްމީ ސިފައެއްގައި އިޢުލާން ކުރުމަށް މި އެއްބަސްވުން ގޮވާލައެވެ. ނަމަވެސް ޙަމަލާތައް ހުއްޓާލުމުގެ މި އެއްބަސްވުމުގައި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާޢަތްތައް ނުހިމެނޭތީ މި އެއްބަސްވުން ފުރިހަމަ ނުވާކަމަށް ބުނެ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ވިދާޅުވެފައިވަނީ އައިއެސް ޖަމާޢަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ދޭ ޙަމަލާތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެއީ ސޫރިޔާއަށް ގެނެވޭ ސުލްޙައިގެ އެއްބަސްވުމެއްގައިވެސް ޝާމިލް ކުރެވޭނެ ޖަމާޢަތްތަކެއް ނޫން ކަމަށެވެ. އެމެރިކާއާއި ރަޝިޔާ ގެންގުޅެނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ޓެރަރިސްޓް ޖަމާޢަތްތަކުގެ ލީޑަރުން މަރައި އެފަދަ ޖަމާއަތްތައް މުޅިން ނައްތާލުމުގެ ވިސްނުމެކެވެ. ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުން އިޢްލާންކޮށްފައިމިވަނީ އެ އެއްބަސްވުމާމެދު އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. މި މަޝްވަރާތަކަށްފަހު ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވީ މިއެއްބަސްވުން އިޢުލާންކުރީ ރަޝިޔާއާއި އެމެރިކާގެ ތަޖްރިކާބާރުން ކުރެއްވި ބުރަ މަސައްކަތްތަކަށް ފަހުގައި ކަމަށެވެ."ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި އަހަރެމެންވަނީ ގުޅިފައިވާ ބަޔާންތަކަކަށް އެއްބަސްވެފައި. އެމެރިކާއާއި ރަޝިޔާއަކީ ސޫރިޔާގައި ހިނގާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރާ ސީރިޔަން ސަޕޯޓް ގްރޫޕްގެ ކޯ ޗެއާވެސް މެ. މި އެއްބަސްވުން އިޢުލާންކުރީ ރަޝިޔާއާއި އެމެރިކާގެ ތަޖްރިކާބާރުންގެ ޓީމަކުން ކުރި ބުރަ މަސައްކަތް ތަކަކަށްފަހުއެވެ. ސޫރިޔާގައިވާ ކެމިކަލް ހަތިޔާރު ނައްތާލުމަށްވެސް ދެފަރާތުގެ އެއްބާރުލުމުގެ މިތަޖްރިބާގެ ބޭނުންވަނީ ކުރެވިފައި." ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވިއެވެ.ރަޝިޔާއާއި އެމެރިކާ އިސްވެ އޮވެގެން އިޢްލާންކުރި މިއެއްބަސްވުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން މަރުހަބާ ވިދާޅުވެފައިވެއެވެ. ބާންކީ މޫން މިއެއްބަސްވުން ސިފަކުރެއްވީ އުންމީދުގެ އަލިކަމެއްގެ ގޮތުގައެވެ. މިކަމަށް މަރުހަބާ ވިދާޅުވެ ދެއްވި ބަޔާނެއްގައި ބަންކީ މޫން ވަނީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށާއި އޭގެ ޝަރުތުތަކުގައި ހިފެހެއްޓުމަށް ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ޖަމާޢަތްތަކަށް އިލްތިމާސް ކުރައްވާފައެވެ. ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުމުގެ މަޤްސަދަކީ އަސީރުން މިނިވަން ކުރުމާއި ހިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް ހާލުގައިޖެހިފައިވާ މީހުންތިބި ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެވޭނެ މާހައުލެއް ތަނަވަސް ކޮށްދިނުމެވެ. މީގެ އިތުރުން ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށްޓަކައި ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދެވޭފަދަ މާހައުލެއް ގާއިމް ކުރުމަކީވެސް މިއެއްބަސްވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.