ޚަބަރު

"މާހައުލީ ނިޒާމް ރައްކާކުރުމަށް ފަންޑް ހޯދުމަކީ އޭގެ މަންފާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް"


މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންޑް ހޯދުމަކީ އެމަސައްކަތްތަކާއި ޚިދުމަތްތަކުން އެންމެ އެކަށޭނަ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ލަންޑަނުގެ ލެންކެސްޓަރ ހައުސްގައި ދިރޭތަކެތި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދާދިފަހުން ކެނެޑާގެ މޮންޓްރިޔަލް ގައި އެއްބަސްވެވުނު އަމާޒުތަކައް ވާސިލު ވުމަށް ފެށި މަޝްވަރާތަކުގެ ތެރެއިން ކުރިއަށް ދިޔަ "ޕޭމެންޓް ފޯރ އިކޯސިސްޓަމް ސަރވިސެސް"ގެ ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދި ނޭޗަރ އެކްޝަން ޕްރައިވެޓް ސެކްޓަރ މޯބިލައިޒޭޝަންގެ ނަމުގައި ފެށި މަޝްވަރާއަކީ ދުނިޔޭގެ ދިރޭތަކެތީގެ މުއާހަދާގެ ދަށުން ދިރޭތަކެތި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދާދިފަހުން ކެނެޑާގެ މޮންޓްރިޔަލް ގައި އެއްބަސްވެވުނު އަމާޒުތަކައް ވާސިލު ވުމަށް ފެށި މުހިންމު މަޝްވަރާތަކެކެވެ.

‎މިމަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ކުންމިންގް-މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ ކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތައް ހޯދުމެވެ. އަދި ސަރުކާރާއެކު ޕްރައިވެޓް ސެކްޓަރގެ އިތުރުން ސިވިލް ސޮސައިޓީގެ އެއްބާރުލުން މިކަމަށް ދެވޭނެ މަގުފަހިކުރުމާއެކު ފައިސާ ހޯދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ހޯދުމެވެ.

މި އިވެންޓްގެ ތެރެއިން ކުރިއަށްދިޔަ "ޕޭމެންޓް ފޯރ އިކޯސިސްޓަމް ސަރވިސެސް" ގެ ރައުންޑްޓޭބަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންޑް ހޯދުމަކީ އެ މަސައްކަތްތަކާއި ޚިދުމަތްތަކުން އެންމެ އެކަށޭނަ މަންފާ ދެމެހެއްޓެނިވިގޮތެއްގައި ހޯދުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ ފަތުރުވެރިކަން ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ކަނޑުފަޅުގެ ދިރުންތަކަށް ކަމަށްވާއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްއިން ކުރާ ފައިދާ ފާހަގަކުރައްވާފައެވެ. އަދި ގްރީން ޓެކުހުން ލިބޭ ފައިސާ ރާއްޖޭގައި ފަރުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ތައް ކުޑަކުރުމަށް ހޭދަކުރާ ގޮތްތަކާ ބެހޭ މައުލޫމާތު މިނިސްޓަރ ޝައުނާވަނީ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި މާހައުލީ ނިޒާމްތަކާއި ދިރުންތައް ހިމާޔަތްކުރުމަށް މިހާތަނަށް ކުރަމުންދާ އަދި ކުރިއަށްއޮތްތާނގައި ކުރާނެ ކަންތައްތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ. އެގޮތުން 79 ސަރަހައްދެއް މިހާރު ދިވެހިރާއްޖޭގައި ތިމާވެށި ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާއިރު މިސަރަހައްދުތަކުން %13 ފަރުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

‎ގިނަގައުމުތަކަކުން މިނިސްޓަރުން ބައިވެރިވި މި ބައްދަލުވުމަށްފަހު ބަކިންގްހަމް ޕެލެސްގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް III އިންތިޒާމުކުރެއްވި ޚާއްސަ ފަރިއްކޮޅުގައި ވެސް މިނިސްޓަރ ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.