ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރެފިޔުޖީންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އެނބުރި ޤައުމަށް ދިޔުމުގެ މަސައްކަތް ފަށައިފިއެވެ. ތުރުކީވިލާތުގެ ދެކުނުގެ ސަރަޙައްދުތަކަށް ޖަނަވަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 41,000 އަށްވުރެ މައްޗަށް އަރާފައެވެ. ޢިމާރާތްތަކުން ދަށުން މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް އަދިވެސް ދަނީ ފެންނަމުންނެވެ.
އެ ބިންހެލުމުގައި ސޫރިޔާގެ އުތުރުގައިވާ ސަރަޙައްދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 3,500 އަށްވުރެ މައްޗަށް އަރާފައެވެ. ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ތުރުކީގެ ގަޒިއެންޓެޕްއަކީ ސޫރިޔާގެ ގިނަ ޢަދަދެއްގެ ރެފިޔުޖީން ދިރިއުޅޭ ސަރަޙައްދެކެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ތުރުކީވިލާތަށް އެ ޤައުމުގެ 4 މިލިޔަނަށްވުރެ ގިނަ ރެފިޔުޖީން ހިޖުރަކުރި ކަމުގައި އ.ދ.ގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 1.7 މިލިޔަން މީހުން ދިރިއުޅެމުން ދަނީ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ތުރުކީވިލާތުގެ 11 ޕުރޮވިންސެއްގައެވެ.
ތުރުކީވިލާތުން ބުނީ، އެ ޕުރޮވިންސުތަކުން ދޫކޮށްފައިވާ އައި.ޑީ. ކާޑު އޮތް ސޫރިޔާގެ ރެފިޔުޖީންނަށް އެ މީހުންގެ ޤައުމަށް އެނބުރި ދިޔުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ. އެ ހުއްދަ ދީފައި ވަނީ 3 މަހާއި 6 މަސްދުވަހުގެ މުއްދަތަކަށެވެ. މި ނިންމުމާ އެކު، އެނބުރި ޤައުމަށް ދިޔުމަށް ސޫރިޔާގެ ރެފިޔުޖީން އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.
އެނބުރި ޤައުމަށް ދިޔުމަށް ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވެފައިވާ އެތަކެއް ސަތޭކަ ބަޔަކު ބުނީ، ތުރުކީވިލާތުގައި އެ މީހުން ދިރިއުޅެމުންދިޔަ ޢިމާރާތްތައް ސުންނާފަތިވެފައިވާ ކަމުގައެވެ. އަދި، މި ވަގުތު ނިދަން ޖެހިފައި ވަނީ މަގުމަތީގައި ކަމަށާއި، ބިންހެލުމުގައި ގިނަ ޢަދަދެއްގެ ރެފިޔުޖީން މަރުވެފައިވާ ކަމުގައެވެ. އަދި، ސޫރިޔާގެ ހާލަތު ގޯސް ނަމަވެސް، ތުރުކީއަށް ވުރެ މި ވަގުތު އަމިއްލަ ވަޒަނުގައި ދިރިއުޅުން ހިތަށް ފަސޭހަވާނެ ކަމުގައި ވެސް އޭގެތެރެއިން ގިނަ މީހުން ބުންޏެވެ.
ޖަނަވަރީ 6 ވަނަ ދުވަހު އައި ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމުގައި ތުރުކީވިލާތުން އެކަނިވެސް 12,000 އަށްވުރެ ގިނަ ޢިމާރާތް ވެއްޓުނެވެ. އަދި، ދަންވަރުގެ ވަގުތުގައި އައި ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެ އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު، އެ މީހުންގެ ހަށިތައް ހޯދުމަށް ހުއްޓުމެއް ނެތި އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ސޫރިޔާގައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އުތުރުގައިވާ އިދްލިބް ސަރަޙައްދަށެވެ. އަދި، ތުރުކީވިލާތާ ގުޅޭ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުތައް އޮތީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައެވެ. އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ސޫރިޔާގެ އުތުރުގެ ބައެއް ސަރަޙައްދުތަކުން ކާބޯތަކެއްޗާއި ސާފު ބޯފެން މިހާރު ވަނީ ހުސްވެފައެވެ. އަދި، އެހީގެ ސާމާނު ލަސްވުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތާއި ސޫރިޔާ ގުޅޭ އިތުރު ދެ ސަރަޙައްދީ ހުރަސް ހުޅުވައިލުމަށް ސޫރިޔާގެ ސަރުކާރުން އެއްބަސްވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ.
ތުރުކީވިލާތާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ސޫރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ.އިން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން، ބާބް އަލް-ޙަވާ މަގުން އެހީގެ ސާމާނު ހިފައިގެން ހަ ލޮރީ ދަތުރުކޮށްފައިވާއިރު، ބާބް އަލް-ސަލާމާ ހުރަސްކޮށް ވެސް މިހާރު 11 ލޮރީގެ އެހީގެ ސާމާނު ވަނީ ސޫރިޔާއަށް އެތެރެކޮށްފައެވެ.