ޚަބަރު

ލެނޯވޯގެ އާމްދަނީ 14 އަހަރު ތެރޭގައި ނުދާހާ ދަށަށް!


ޗައިނާގެ ޓެކް ކުންފުނި ލެނޯވޯ ގްރޫޕް ލިމިޓެޑުގެ އާމްދަނީ 3 ވަނަ ކުއާޓަރުގައި %24 އަށް ދަށްވެއްޖެއެވެ.

މިއީ ދުނިޔޭގައި އިލެކްޓްރޯނިކްސްއަށް އޮތް ޑިމާންޑް ދަށްވުމުން ވޭތުވެދިޔަ 14 އަހަރު ތެރޭގައިވެސް އެ ކުންފުނީގެ އާމްދަނީ ދަށަށް ނުދާ މިންވަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއާއިއެކު ކުންފުނީގެ ހަރަދުތައް ކުޑަކޮށް މުވައްޒަފުންނަށް ގެންނަންޖެހޭ ބަދަލެއް ގެންނާނެ ކަމަށްވެސް ލެނޯވޯއިން ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޕާސަނަލް ކޮމްޕިއުޓަރު،ޕީސީ އުފައްދާ ކުންފުނި، ލެނޯވޯއިން ހުކުރު ދުވަހު ބުނި ގޮތުގައި އޮކްޓޯބަރު-ޑިސެމްބަރު ކުއާޓަރުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 15.3 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު %24 ދަށް އަދަދެއް ކަމަށެވެ. ރެފިނިޓްގެ ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި ލެނޯވޯއަށް އާމްދަނީގެ ގޮތުގައި ލިބޭނީ 16.39 ބިލިއަން އެމެރިކާ ޑޮލަރެވެ.

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހުނު ކޯވިޑުގެ ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުމާއި އެނޫންވެސް ސަބަބުތަކާއިހެދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލެނޯވޯގެ އިތުރުން އެހެން އިލެކްޓްރިކް ސާމާނު އުފައްދާ ކުންފުނިތަކުގެ ޑިމާންޑުވެސް އިތުރުވެ އިލެކްޓްރޯނިކް ވިޔަފާރި އަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ނަމަވެސް މިހާރު ޑިމާންޑް ދަށްވާން ފަށާފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި-ސެޕްޓެމްބަރު ކުއާޓަރުގައި ލެނޯވޯގެ އާމްދަނީ ވަނީ ދަށްވާން ފަށާފައެވެ. ލެނޯވޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔަންގް ޔުއާންކިންގް ވިދާޅުވި ގޮތުގައި މިދިޔަ ކުއާޓަރުގައި މުޅި ޕީސީ އަދި މޯބައިލް މާކެޓް ވަރަށް ދަށަށް ގޮސްފައިވާ ކަމަށާއި، ހަރަދުތައް ކުޑަކޮށް، މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށް ކުންފުނިން މިހާރު އަންނަނީ މަސައްކަތް ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.

ލެނޯވޯގެ އަމާޒަކީ ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރުގެ ރަން ރޭޓް އޮޕަރޭޝަނަލް ހަރަދު ކުޑަކުރުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ވޮންގް ވައި މިންގް އިތުރަށް ވިދާޅުވިއެވެ. އެގޮތުން އޮޕަރޭޝަނަލް ޚަރަދުތައް ޖުމްލަކޮށް ކުޑަކުރުމުގެ އިތުރުން މުވައްޒަފުންނަށް ބަދަލު ގެނައުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއީ މުވައްޒަފުން މަދުކުރުން ކަމެއް ވޮންގް ވިދާޅެއް ނުވެއެވެ.

ވާދަވެރި ޑެލް ޓެކްނޮލޮޖީސް އިންކް އާއި އެޗްޕީ އިންކްއިން ވަނީ މުވައްޒަފުން މަދުކުރާނެ ކަމަށް މީގެކުރިން އިއުލާންކޮށްފައެވެ. ޑެލް އިން ބުނި ގޮތުގައި ގާތްގަނޑަކަށް 6،650 ވަޒީފާ ނުވަތަ ދުނިޔޭގެ ވަޒީފާގެ ބާރުގެ %5 ކުޑަކުރާނެއެވެ. އަދި އެޗްޕީން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު ނިމޭއިރު 6،000 ވަޒީފާ އެ ކުންފުނިން މަދުވާނެއެވެ.

އައިޓީ ރިސާޗް ކުންފުންޏެއް ކަމަށްވާ ގާޓްނަރއިން މިދިޔަމަހު ބުނެފައިވާ ގޮތުގައި ޖެހިޖެހިގެން ދެވަނަ އަހަރު ޕީސީ އާއި މޯބައިލް ފޯނުގެ ޝިޕްމަންޓް ދަށްވުމުގެ ފުރުސަތު ބޮޑެވެ. އަދި މިދިޔަ އަހަރު ޕީސީ ޝިޕްމަންޓް %16 ދަށްވެފައިވާއިރު، މި އަހަރު %6.8 ދަށްވުން އެކަށީގެންވާ ކަމަށްވެސް ގާޓްނަރއިން ބުނެއެވެ.