ރިޕޯޓް

ގައްބެގެ ދަތުރު ފޮޓޯއިން! ތަފާތު އެތައްކަމެއް!


މިވަގުތު ރާއްޖޭގެ އެންމެ މަޝްހޫރު އެންމެ ގިނަ ބަޔަކު ލޯބިވާ އެކަކު ނަގާނަމަ އެމީހަކަށް ވާނީ އަބުދުލްޣަފޫރު އަލީ، ގައްބެއެވެ. މިއީ ފޮޓޯއިން ފެންނަ މަންޒަރެވެ. ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމަށް ކުރަމުންދާ ތާރީޚީ ދަތުރުގެ ފޮޓޯ އަލްބަމުން ހަޤީޤީ ދިވެހިން ނުވަތަ ދިވެހި ވަންތަކަމާއި، ދިވެހިންގެ ރީތި ދިރިއުޅުން ދައްކުވައިދެއެވެ. މިހާތަނަށް ރާއްޖޭގެ ބާރަ އަތޮޅެއްގެ އެތައް ރަށަކަށް ޒިޔާރަތްކުރި އިރު އެކަން ނިކަން ރަނގަޅަށް ދައްކުވައިދީފިއެވެ.މުޅި މިދަތުރުން ފެނިގެންދާ އެންމެ މުޙިންމު އެންމެ ހިތްގައިމު އެއް ސިފައަކީ ދިވެހިންގެ މެހްމާންދާރީއާއި، ކަމޭހިތުގެ ރީތި މިސާލެވެ. އެކަން އެގޮތުގައި އަދިވެސް އެބައޮތްކަން ދައްކުވައިދެއެވެ. ހަމައެހެންމެ ދިވެހިންގެ ޘަޤާފަތާއި، އާދަކާދަ ދިރި ދެމި އޮތްކަން ސާބިތުކޮށްދެއެވެ.ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކަޓަމަރާން ނުވަތަ ރިޔަލު ކަނދެއްގައި ގައްބެ ކުރާ ތާރީޚީ ހިތްވަރުގަދަ ދަތުރުގައި ކޮންމެ ރަށެއްގެ ރީތި ގޮނޑުދޮށަށް ކައިރި ކުރާއިރު ފެންނަނީ އެރަށެއްގެ ކުދި ބޮޑު އެންމެހާ ރައްޔިތުން އިސްތިޤްބާލްގައި ތިބި ހިތްގައިމު، އުފާވެރި މަންޒަރެވެ. ދިވެހި ހެދުމާއި، ދިވެހި ޘަޤާފީ ކުޅިވަރުތަކާއި، ދިވެހި ދިދަޔާއެކު ގައްބެއަށް ކިޔާ މަރުހަބާއަކީ ބަޔާންކުރަން ދަތި އުނދަގޫ މަރުހަބާއެކެވެ. އެތައް ރައްޔިތުންނެއް ކެތްތެރިކަމެއް ނެތި ދިގު އިންތިޒާރެއްގައި ތިބިކަން ދަތުރުގެ ވަރުބަލިކަމުގައި ހުރެ ރަށަށް އަރާ ގައްބެއަށް އިޙްޞާޞްކުރެވެއެވެ." ލޮލުން ކަރުނަ އަންނަވަރުވޭ، ގައިގަ ބައްދާލާ، ކެތްނުކުރެވިގެން ތިބިކަން އިނގޭ. އިންތިޒާރުގައި ތިބިކަން އިނގޭ. " އެއިޙްޞާޞްތައް ގައްބެ އަށްކިޔައިދޭކަށްވެސް ފަސޭހައެއްނޫނެވެ.ގައްބެ ކޮންމެ ރަށަކަށްމެ ފައިބައިގެންދަނީ އިއްޒަތުގައެވެ. ބޮޑުބެރާއި، އެނޫންވެސް ޘަޤާފީ ކުޅިވަރުތަކުގެ ވަރުގަދަ މަރުހަބާއާއެކުގައެވެ. މިކަމުގައި އަންހެން ފިރިހެން، ޒުވާނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީމީހުން ބައިވެރިވެއެވެ. އެކި ރަށްތަކުން އެކި އުމުރުފުރާގެ ބޮޑުބެރު ގްރޫޕްތަކާއި، އެހެން ޘަޤާފީ ކުޅިވަރު ގްރޫޕްތަކެވެ. ބައެއް ރަށްރަށުގައި ގައްބެ ރަށުތެރެއަށް އަރައިގެންދަނީ ރަސްކަލެއްގެ ދަރަޖައިގައެވެ. ފޮޓޯއިން ފެންނަ ދައްކައިދޭ މަންޒަރަކީ މިއީއެވެ.ކޮންމެ ރަށަކަށްމެ ފައިބަނީ މީރު ބުއިންތަކާއެކު، އެތައް ގިނަ މާފަތިތައް ބޮލުގައި އަޅަމުންނެވެ. މަރުހަބާ ކިއުމުގައި ގިނަ ރަށްތަކުން ބޭނުންކުރަނީ ގައްބެގެ ދާއިރާ، މޫދާއި ގުޅުންހުރި އާލާތްތަކެވެ. ސާރފް ބޯޑާއި، މަސްވެރިންގެ ކޯރިއެވެ.ގޮނޑުދޮށަށް ފޭބުމާއެކު ސެލްފީގެ ދިގު ކިޔުތަކުން ސަލާމަތެއް ނުވެވެއެވެ. ކުޑަކުދިންނާއި، ޒުވާން އަންހެންކުދިންނެވެ. މެދުއުމުރުގެ އަންހެނުންނާއި، ޒުވާން ފިރިހެނުންނެވެ. އުމުރުން ދުވަސްވީ މީހުންވެސް ނުހަނު ގިނައެވެ. އެވަގުތު ފޮޓޯ ނުނެގޭ ތުއްތު ކުދިން ގެއަށްގޮސް ރޮއެ ހަދައެވެ. " ފަހުން ކުދިން ނުނިދާ މަންމަ ކައިރީ ރޮއެފަ އެބަހުރި. ޤަބޫލުވެސް ނުކުރެވޭ އެހެން ބުނީމަ. ގޭގެއަށްގޮސްވެސް ފޮޓޯ ނަގާފަ ހުންނާނެ. ވަރަށް ހިތްހަމަ ޖެހޭކަމެއް އެއީ." އެތައްބައެއްގެ ލޯބި ލިބެމުންދާ ގައްބެ ހުރީ ނުހަނު އުފަލުންނެވެ.ކޮންމެ ރަށަކުން ފުރާއިރު ގިނަ ހަދިޔާތަކާއި، ކެއުންތަކާއި ޖާފަތްތައް ލިބެއެވެ. މިއިން ކޮންމެ ކަމެއް ގުޅިފައިވަނީ ގައްބެގެ ދަތުރާއެވެ. މޫދާއެވެ. ޖާފަތް ތައްޔާރުކޮށްފައި ހުންނަނީ ޘަޤާފީ ގޮތަށެވެ. ޖާފަތް ހުޅުވާލާއިރު ގައްބެއަށް މަރުހަބާކިޔާފައިވާ މެސެޖްތަކެވެ. ސިއްސައިގެންދަނީ ޖާފަތުގެ ތެރެއިންވެސް ގައްބެ ދަތުރުކުރާ ކެޓަމަރާން ފެންނަން އޮންނާތީއެވެ.މިފަދަ އެތައްގިނަ ހަދިޔާތަކެއް މިހާރުވެސް ގައްބެއަށް ލިބިއްޖެއެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ހަދިޔާއަކަށް ވެގެންދިޔައީ ޖާފަތުގެ ތެރެއިން ފެނުނު ފަދަ ހަދިޔާއެއް ތުއްތު ކުއްޖެއްގެ ފަންސޫރުން ކުރަހާލަދީ ދިން ހަދިޔާއެވެ." ތުއްތު ކުއްޖަކު ކުރަހާފަ ދިން ކަޓަމަރާން އެއީ އެންމެ ޚާއްޞަ ހަދީޔާ. ވަރަށް ވަރަށް ރީތި ކުރަހާލާފަ އިންލެއް. ވަރަށް ރީތި ވަރޑްސްތަކެއް ހުރީ. ބުނަން ނޭންގޭ އިޙްޞާޞެއް އެވަގުތުވެސް ކުރެވުނީ. " ގައްބެ ބުންޏެވެ.މިފަދަ އެތައް ހަދިޔާތަކެއް ތުއްތު ކުދިންގެ އަތުން ލިބިގެންދިޔަކަން ފާހަގަކުރަމުން ގައްބެ ބުނީ އުފަލުން ބުނާނެ އެއްޗެއް ނޭންގޭކަމަށާއި، އިހުޞާޞްތައް ބަޔާންކޮށްދޭންވެސް ދަތިކަމަށެވެ.އަތަށްލިބޭ ހަދިޔާތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ލޯތްބަކީ ވަރަށް ތަފާތު އިހުޞާޞެއްކަމަށް ގައްބެ ބުންޏެވެ. ތުއްތު ކުދިންނާއި، އުމުރުންދުވަސްވީ މީހުން މިދަތުރުގައި ވަރަށް ޚާއްޞަކަމަށް ދަތުރުގެ ދެބައިކޮޅަށް އެއްބައި ފުރިހަމަކޮށް އުތުރުގައި ދަތުރުކުރަމުންދާ ގައްބެ ބުންޏެވެ. މުޅި ދަތުރުގައިވެސް ގައްބެއަށް ވަރަށްގިނަ ސަޕްރައިޒްތައް ވަނީ ލިބިފައެވެ. ނަމަވެސް އޭގެތެރެއިން ވަކިން ޚާއްޞަ ވަގުތުކޮޅެއް ދިޔައެވެ." ގައްބެގެ ފެމިލީ ތިނަދޫން ބައްދަލުވި ވަގުތު އެންމެ އުފާވީ. ތިނަދުއަށް ކައިރިކޮށްލިއިރު ފުރަތަމަ ބައްދަލުކުރީ ކިޑްއާއި ވައިފް. އެއީ ވަރަށް ތަފާތު މޮމެންޓެއް. " ގައްބެ ބުންޏެވެ.ގައްބެގެ މިދަތުރުން ހަޤީޤަތުގައިވެސް ވަރަށްގިނަ ކަންތައްތަކެއް ދައްކުވައިދީފިއެވެ. ދިހެވިންގެ ހިތްހެޔޮކަމާއި މެހްމާންދާރީގެ އިތުރުންވެސް އެތައްކަމެކެވެ. ގައްބެގެ އިތުރުން އެތައް ރައްޔިތުންނެއްވެސް ތިބީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެމީހުން ބުނާ ވާހަކައަކީ،އަންނަ ގަދަ ރޯޅި ވައިގާ، އޮންނަ ކަނޑު އޮއި ހުރަސްކޮށް، ބަންޑުންވިޔަސް ކަޓަމަރާނިން، ހުންގާނަކަށްމެ ދޫނުދިން، ދަންނާށެ ކަންވޭ މިފަޚްރަކަށް، ގެންނާށެ ޖީލުގެ ފަޚްރަށް ކުރާތީ އަދު ހިތްވަރެއް، މިރާއްޖެ ވަށާ ބުރުޖަހަން، ރިޔާނެގި ކަޓަމަރާނީގައި، ބިރެއް ނެތި ގައްބެ ދެން، ކުރާ ދިގު ދަތުރު ތާރީޚީ، ފަވާލެވޭނެ ރަންއަކުރުން.އެމީހުންގެ ޝުޢޫރުތައް ބަންޑުންކުރަމުންދަނީ މިފަދައިންނެވެ.