ޚަބަރު

މިފަހަރުގެ އިޙްޔާ ފޯރަމްގައި ސްކޫލް ކުދިންވެސް ވާހަކަދައްކާނެ: މިނިސްޓަރ


ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމް މިފަހަރު ސްކޫލްކުދިންވެސް ހުށައަޅާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެކެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދީނީ ޢިލްމުވެރިންނާއި މަތީ ޡާނަވީއަށް ކިޔަވާ ދަރިވަރުންވެސް ބައިވެރިކޮށްގެންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެހެން އަހަރަތުތަކޭ އެއްގޮތަށް މިއަހަރުގެ އިޙްޔާ ފޯރަމްވެސް މާލޭގައި 9 ރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ހޯމަ ވިލޭރޭއާއި ހުކުރު ވިލޭރޭގައެވެ. މީގެ އިތުރަށް މިފަހަރުގެ އިޙްޔާ ފޯރަމް 3 ސިޓީގެ އިތުރަށް އާބާދީ ބޮޑެތި ރަށްތަކުގައި ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާލުވިއެވެ. އޭގެތެރޭގައި ރ. ދުވާފަރާއި، ޅ.ނައިފަރާއި، ލ.ގަމާއި ހއ ދިއްދޫފަދަ ރަށްތަކުގައި މި ފޯރަމް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

"ކޮންމެ ރެއަކު ގުރުއަތުން ނެގޭ މީޙުންނަށް އިނާމް ދިނުމަށް ހަމަޖެހިފައިވޭ. ކޮންމެ ރެއަކު އެ ނެގޭ ވަނަތައް ހިމަނައިގެން އެންމެ ފަހު ރޭގައި ގުރުއަތު ނެގުމަށްފަހު ވަނަ ލިބޭ މީހުންނަށް އިނާމް ލިބޭނެ. ބޮޑެތި އިނާމްތައް ހުންނާނެ." މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ސްކޫލްކުދިންގެ އިޙްޔާ ފޯރަމްއެއްވެސް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. ސްކޫލް ކުދިންގެ މެދުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ މާލޭގައި މަތީ ޡާނަވީއަށް ކިޔަވާ ކުދިންނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފޯރަމް ކުރިއަށްދާނީ ރަމަޞާންމަހުގެ 5 ރެއެވެ.

ސްކޫލްކުދިން ލައްވާ މި އިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މަޢުޞޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މަޢުޞޫ ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އެގޮތުން ޢިލްމުވެރިން އެކުދިންނަށް ބޭނުންވާ މަޢޫލޫމާތުތައް ފޯރުކޮށްދޭނެއެވެ. އެއަށްފަހު އެކުދިން ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މަޢުލޫމާތެއް މަދުވާނަމަވެސް އެ މަޢުލޫމާތެއް ޢިލްމުވެރިން ފޯރުކޮށްދީ ހުށައަޅާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިޙްޔާ ފޯރަމްގައި ކުދިން މަޢުލޫމާތުދޭނެނީ އެކުދިން ދުރާލާ ތައްޔާރުކޮށްފައިވާ އެއްޗެއްގެ ރިޙާސަލަށްފަހު. މަޢުޞޫއަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށައެޅުމަށްފަހު އެއްވެސް މީހަކު ސުވާލެއް ކުރަން ބޭނުންވާނަމަ ޢިލްމުވެރިން ޖަވާބުދެވޭނެ ހާލަތުގައި ތިބޭނެ." މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރަމަޞާންމަހު ކުރިއަށްގެންދާ އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވުމަށްޓަކައި ރާއްޖޭގައި ތިބި ޤާބިލު ޢިލްމުވެރިން ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވައެވެ. މިއަހަރުވެސް މިފަދަ ޢިލްމުވެރިން ތަޤްރީރުދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއިން ބޭރުންވެސް ޢިލްމުވެރިން ގެނައުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އިޙްޔާ ފޯރަމްތައް އަޑުއެހުމަށް ދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލްކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ. ރަމަޟާންމަހުގެ އިޙްޔާ ފޯރަމްގައި މަޝްވަރާކުރަން ކަނޑައަޅާފައިވާ މައުޟޫތަކަކީ، ދިވެހި މުޖުތަމަޢުގެ ޙާލަތަށް ރިއާޔަތްކުރުމަށްފަހު އެކަށައަޅާ މައުޟޫތަކެވެ.