ޚަބަރު

"އިޖުތިމާއީ ރައްކާތެރިކަން އެންމެންނަށް" ޕްރޮގުރާމް ފަށްޓަވައިފި


"އިޖުތިމާއީ ރައްކާތެރިކަން އެންމެންނަށް" ފޯރުކޮށްދިނުމުގެ ޕްރޮގުރާމް ޏ.ފުވައްމުލަކުގައި ފަށްޓަވައިފިއެވެ.މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން އިސްނަންގަވައިގެން މުޖުތަމަޢުގެ އެކި އިދާރާތައް ބައިވެރިކޮށްގެން ކުރިއަށްގެންދާ "އިޖުތިމާއީ ރައްކާތެރިކަން އެންމެންނަށް" ފޯރުކޮށްދިނުމުގެ ޕްރޮގުރާމް އިފްތިތާހްކޮށްދެއްވައި، ބަންޑާރަ ނާއިބު އަދި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިނގެވުމާ ހަވާލުވެ ހުންނެވި މުޙައްމަދު އަނިލް ވިދާޅުވީ، މި ޕްރޮގުރާމުގައި އެންމެންގެ ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމުގައެވެ. މި ޕްރޮގުރާމުގެ ނަތީޖާއަކަށްވާނީ ދުރާލާ ކަންކަމާމެދު ފިޔަވަޅު އަޅާ ރައްކާތެރިވެވޭނެ މަގުތަނަވަސްވުން ކަމަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ހިންގޭ މިފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ ބަޖެޓް ސަރުކާރުން ހަމަޖައްސަވައިދެއްވަމުން ގެންދަވާކަން ބަންޑާރަ ނައިބުގެ ވާހަކަފުޅު ފާހަގަކުރެއްވިއެވެ.މި ޕްރޮގްރާމާއިއެކު ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކެއް އުފައްދައި، އިޖުތިމާއީ ރައްކާތެރިކަމުގެ މަސައްކަތް ހަރުދަނާކުރެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ރާއްޖޭގެ ރަށްރަށުގައި އުފައްދާ ކޮމިއުނިޓީ ސޯޝަލް ގުރޫޕްގައި ސިއްޚީ އަދި ތަޢުލީމީ ދާއިރާގެ މަންދޫބުންނާއި ފުލުހުންގެ އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ރަށްރަށުގައި ހަރަކާތްތެރިވާ ކްލަބު ޖަމާއަތްތައްވެސް މި ގުރޫއްޕްތަކުގައި ހިމަނުއްވާނެކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ހާމަކުރައްވައެވެ.ފުވަމުލަކުގައި ބޭއްވި "އިޖުތިމާއީ ރައްކާތެރިކަން އެންމެންނަށް" މިޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި، ޖެންޑަރ މިނިސްޓްރީން ކުރައްވާ މި ފަދަ މަސައްކަތުގައި ބައިވެރިވުމަށް ޏ.އަތޮޅު ކައުންސިލާއި އަވަށު ކައުންސިލްތަކާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. މި އެމްއޯޔޫގެ ދަށުން ޖެންޑަރ މިނިސްޓްރީން ކުރާ ކަންކަމުގައި ކައުންސިލްތަކުން ރަސްމީގޮތެއްގައި ދެއްވާ އެއްބާރުލެއްވުން އިތުރުވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގައި މިހާރުވެސް އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެގޮތުން އެކަނިވެރި މައިންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުނަށާއި، ދޮށީ އުމުރުގެ މީހުންނަށް އެލަވަންސްތައް ފޯރުކޮށްދެވެމުންދާކަން ސަރުކާރުން ފާހަގަ ކުރައްވައެވެ. ޖިސްމާނީ ޖިންސީ އަނިޔާތަކާއި ނަފުސާނީ ގެއްލުންތަށް އެހީތެރިވެދީ ބެލެހެއްޓުންފަދަ މަސައްކަތްތައް އިޖުތިމާއީ ރައްކާތެރިކަމުގެ މަސައްކަތުގެ ތެރެއިން މިހާރުވެސް ކުރައްވަމުން ގެންދަވާކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ. އެހެންނަމަވެސް މި ޕްރޮގްރާމަކީ ކުރިއާއި ޚިލާފަށް އަޅާލުމާއި އެހީތެރިކަން ބޭނުންވާ އެއްވެސް މީހަކު އުނި ނުވެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ފެށި ޕްރޮގުރާމެއްކަމަށް ޖެންޑާރ މިނިސްޓްރީން ހާމަކުރައްވައެވެ. މިކަމާއި ގުޅިގުވައިގެން ފުވައްމުލަކު ސްކޫލުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަވާފައިވެއެވެ.