ޚަބަރު

ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމަށް 5 އަހަރުގެ ޕްލޭނެއް


ކުރިއަށް އޮތް 5އަހަރަށް ރާއްޖެއިން ކެންސަރު ބައްޔާ ދެކޮޅަށް ކުރާނެ މަސައްކަތްތަކާ ގުޅޭ ޚާއްޞަ ޕްލޭނެއް އެކުލަވާލާ ޢަމަލުކުރަން ފަށައިފިއެވެ.

"ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026" އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އަޙުމަދު ނަސީމް އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ.ނާޒްނީން އަންވަރެވެ.

ޕްލޭން އިފްތިތާޙުކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތްގެ އިސްވެރިންނާ، ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާ، ސިއްޙީ ޚިދުމަތްތެރިންނާއި އޮފިޝަލުން އަދި މިކަމާ ގުޅޭ ޖަމުޢިއްޔާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްލޭނަކީ ކެންސަރު ބަލި ރާއްޖޭގައި ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައިވާ ކަންކަން، ތަންފީޒުކުރުމުގެ 5 އަހަރުގެ ޕްލޭނެކެވެ. ޕްލޭން އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ފަންނީ ލަފަޔާއި، އެހީތެރިކަމާއި އަދި ރާއްޖޭގެ ކަމާގުޅުންހުރި ފަންނީ ފަރާތްތަކުގެ ލަފަޔާ މަޝްވަރާއާއިއެކުއެވެ.

ޕްލޭންގައި ހިމެނޭ ކަންކަން:

- ކެންސަރުން ރައްކާތެރިވުމަށް ސިއްޙީ އާދަތަކަށް އަހުލުވެރިކުރުން
- އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާފެށުން
- ޢާއިލާތަކަށް މާލީބުރަ އުފުލަންނުޖެހި ކެންސަރުގެ ފަރުވާލިބުން
- ކެންސަރު ބަލި ތަޙައްމަލުކުރާ ފަރަތްތަކަށް ބޭނުންވާ ސަޕޯޓް ކެއަރ ކަވަރޭޖް ފުޅާކުރުން
- ކެންސަރުގެ ޤައުމީ ރަޖިސްޓްރީ ޤާއިމުކުރުމާއި ދިރާސާތައްކުރުން

މި ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަޙުމަދު ނަސީމު ވިދާޅުވީ، ރާއްޖޭގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ %17އަކީ ކެންސަރު ބަލީގައި މަރުވާ މީހުންކަމަށެވެ. އަދި މިބައްޔަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ފަރުވާ ހޯދާ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކެންސަރު ބަލި އެންމެ ބޮޑަށް ގުޅެނީ ދިރިއުޅުމުގެ އާދަތަކާކަމަށެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ކެންސަރު ޖެހޭ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ، ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަތައް ބައްދަލުކުރުމުން ކެންސަރުގެ ނުރައްކާއިން ރައްކާތެރިވެދާނެ މީހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިންވެސް މިފެށި މަސައްކަތަކީ، އާންމު ސިއްޙަތުގެ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޕްލޭން ތަންފީޒްކުރުމުގެ މަސައްކަތްތައް އޭޕްރިލް މަހު ފެށިގެންދާނެ. އަޅުގަނޑުމެން ރާވާފައިވާ ކަންކަމުގެ ތެރޭގައި، ރާއްޖެ އެތެރެކުރާ ކާނާގެ ރައްކާތެރިކަން ދެނެގަންނާނަން. އަދި ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ފައިބަރު މަސައްކަތްކުރާ ތަންތަންވެސް އެހެން ހިސާބުތަކަށް ބަދަލުކުރުން ފަދަ މަސައްކަތްތައް ކުރާނެ. މިއީވެސް އާއްމު ސިއްޙަތަށް ނުރައްކާ ބޮޑު ކަންތައްތަކެއް." މިނިސްޓަރ ވިދާޅުވިއެވެ.

"ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026"ގެ މަޤްޞަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އެފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތަށް ކުޑަކުރުން ހިމެނެއެވެ. އަދި މި ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓަރ އާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގުޅުން ރަނގަޅު ކުރުން ހިމެނެއެވެ.

ކެންސަރު ޖެހޭ މިންވަރާ، ކެންސަރުގެ ޢާންމު ވައްތަރުތަކާ އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ، ފަރުވާ ހޯދާ މީހުންގެ މަޢުލޫމާތު ޤަވާޢިދުން އެއްކޮށް އެފަރާތްތަކަށް ދޭންޖެހޭ ފަރުވާއާއި، އެހީތެރިކަން ރަނގަޅަށް ވިލަރެސްކޮށް، ތަފާސް ހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސަރ ރަޖިސްޓްރީ" ހަރުދަނާކުރުމަކީވެސް މި ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް މަސައްކަތެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016އިން 2019އަށް، 7500އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެއެވެ. ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވާ ސަބަބުތަކުގެ ތެރޭގައި ކެންސަރު ބަލިހިމެނެއެވެ.