ޓުއަރިޒަމް

ރައްޔިތުންނަށް، ގައްބެގެ ހިތުގެ އެންމެފުންމިނުން ޝުކުރު


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރު ޖެހުމަށް ކުރަމުންދާ ދަތުރުގައި މިހާތަނަށް ދެވުނު ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް އަބުދުލްޣަފޫރު އަލީ، ގައްބެ ޚާއްޞަ ޝުކުރެއް އަދާކޮށްފިއެވެ. ދަތުރުގެ ބޮޑުބައި ފުރިހަމަކޮށް މިހާރު އއ.އުކުޅުހުގައި ހުރި ގައްބެ ބުނީ ދަތުރު ކުރިއަށް މިގެންދެވެނީ ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި، މެހްމާންދާރީއާއި ހިތްވަރުންކަމަށެވެ. އެކަންކަމަށް ހިތުގެ އެންމެ ފުންމިނުން އެރައްޔިތުންނަށާއި، ތުއްތު ކުދިންނަށް ޝުކުރު އަދާކުރާކަމަށް ގައްބެ ބުންޏެވެ. " މިހާތަނަށް ދިޔަ ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. މިދަތުރު މިކުރެވެނީ އެރައްޔިތުންގެ ލޯތްބާއި، ހިތްވަރާއި، މެހްމާންދާރީން. މިމެސެޖް ރައްދުކޮށްދީ " އުކުޅަހުގައި ހުރެ މިއަދު ގައްބެ ބުންޏެވެ.މިއަދު މެންދުރުފަހު ދެގަޑި ތިރީސް ހައެއްގައި ގައްބެ އުކުޅަހަށް އައީ އދ.ދިގުރަށުން ފުރައިގެންނެވެ. މިދަތުރުގައި މާދަމާ ދިއުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫއަށެވެ. މިއީ ވިޒިޓް މޯލްޑިވްސް 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ހަރަކާތުގައި ހިމެނޭ ދަތުރެކެވެ. އެޓޯލް ސެއިލަރއިން އިންތިޒާމްކުރާ މިދަތުރު ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެންނެވެ.