ކުޅިވަރު

ވެލެންސިއާގެ އަމާޒު ތައްޓަކަށް


ކްލަބް މިދިޔަ އަހަރަށްމިމިދިޔަ އަހަރަށްވުރެ މިއަހަރުގެ ސްކޮޑް ވަރުގަދަ ވާނެކަމަށާއި، އުއްމީދު ކުރަނީ ތައްޓަކާއެކު ކުރިއަށް އޮތް ސީޒަން ނިންމާލަން ކަމަށް ވެލެންސިޔާގެ ކޯޗް މުހައްމަދު އިޤްބާލް ބުނެފިއެވެ. ވެލެންސިޔާއަށް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ރަނގަޅު ކުޅުންތެރިންތަކެއް ގުޅިފައެވެ. ކްލަބް ވެލެންސިޔާއަކީ ކުރިން ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބެވެ. މި ވޭތުވެދިޔަ ހަތަރު އަހަރު ރަނގަޅު ކާމިޔާބީއެއް ނުލިބުނު ނަމަވެސް އެ ޓީމުން އަބަދުވެސް އަންނަނީ އެހެން ކްލަބްތަކާ އެއް ފެންވަރެއްގައި ވާދަކޮށް ފުރަތަމަ ޑިވިޝަންގައި ހިފަހައްޓަމުންނެވެ. ކުރިން ރާއްޖޭގެ މުބާރާތްތަކުގައި ރަސްކަން ކުރަމުން އައި ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެ ކްލަބަށް ވަނީ މި ފަހުގެ ތާރީޚުގައި ރަނގަޅު ކާމިޔާބީއެއް ނުހޯދިއެވެ. ވެލެންސިޔާ އެންމެ ފަހުން ތައްޓެއް ހޯދާފައިވަނީ 2008 ވަނަ އަހަރުއެވެ. އެ އަހަރުގެ ލީގު ވެލެންސިޔާ ހޯދިއިރު، ޖެހިގެން އައި 2009 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކޮށް ޝީލްޑް އުފުލާލީވެސް ވެލެންސިޔާއެވެ. ވެލެންސިޔާއިން މި ސީޒަނަށް އެ ކްލަބްގެ އަމާޒު ހިފާފައިހުރީ މި ވޭތުވެދިޔަ އަހަރުތަކުގައި ކުރަމުން އައި އިންތިޒާރު ނިމުމަކަށް ގެނައުމަށެވެ. އެއީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ނިމޭއިރު ކޮންމެވެސް އެއް މުބާރާތެއްގެ ތަށި ހޯދުމެވެ. އެ އަމާޒަށް ވާސިލްވުމަށް އެ ކްލަބުން ވަނީ މި އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޓީމަށް ރަނގަޅު ތަޖުރިބާ ބޮޑު ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު، ބިދޭސީ ރަނގަޅު ކުޅުންތެރިންތަކަކަށްވެސް ބަލަމުން އަންނަ ކަމަށް ކްލަބްގެ ކޯޗް މުހައްމަދު އިޤްބާލް ބުންޏެވެ. " މިއަހަރު ކުރިން އަހަރު ތަކަށްވުރެ ވެލެންސިޔާގެ ސްކޮޑް ވަރުގަދަވާނެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައި ތިބި މޮޅެތި ކުޅުންތެރިންތަކެއް ޓީމާ ގުޅިފައިވާތީ މިފަހަރު އެންމެ ބޮޑު އަމާޒަކީ ކޮންމެވެސް އެއް މުބާރާތެއް ކާމިޔާބުކުރުން." އިޤްބާލް ބުންޏެެވެ. މިފަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި އެއް ކްލަބަކީވެސް ކްލަބް ވެލެންސިޔާއެވެ. އިސްމާއީލް އާސިފް (ކުޑަހީނާ ) ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ކުރަމުން އަންނަ ކްލަބް ވެލެންސިޔާއަށް މިފަހަރު އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކުރި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ޝާފިޢު އަހުމަދާއި، މުޙައްމަދު ޝިފާން (ކުޑައްޓޭ ) ގެ އިތުރުން ކްލަބް އީގަލްސްއަށް މިދިޔަ އަހަރު ކުޅުނު ހަސަން އަދުހަމްއާއި، އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު މިހާރު ކުޅުމުގެ ތެރެއަށް ނުކުމެފައިވާ ރާއްޖޭގެ ދެނަމްބަރު ކީޕަރު މުޙައްމަދު ފައިސަލް ފާޙަގަކޮށްލެވެއެވެ. މިދިޔަ ސީޒަންގައި މިޔަންމާގެ ކޭބީޒެޑްއަށް ކުޅުނު ރާއްޖޭގެ ތަޖުރިބާކާރު މިޑްފިލްޑަރ މުހައްމަދު އާރިފްވެސް ވަނީ މިފަހަރުގެ ސީޒަނަށް ކްލަބް ވެލެންސިޔާއާ ގުޅިފައެވެ. މީގެއިތުރުން ބިދޭސީ އިތުރު ދެކުޅުންތެރިއަކު ވެލެންސިޔާއާއި އަލަށް ގުޅިފައިވެއެވެ. ޓީމާ އަލަށް ގުޅުނު މި ކުޅުންތެރިންނާ ޓީމުގައި މިހާރުވެސް ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ކްލަބް ވެލެންސިޔާ ވެގެންދާނީ މި ފެށޭ ފުޓްބޯޅަ ސީޒަންގައި އެންމެ ވަރުގަދަ އެއް ޓީމަށެވެ. އަދި މިއާއެކު މިފަހަރުގެ ފުޓްބޯޅަ ސީޒަނަކީ ވާދަވެރި ފުޓްބޯޅަ ސީޒަނަކަށް ވެގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ.