މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނޭޕާލުން ބިޑް ކުރި ނަމަވެސް، ސްޕޮންސަރުންގެ އެދުމުގެ މަތިން އެ ފުރުސަތު އިންޑިއާއަށް ދީފިއެވެ.
މި މުބާރާތް މިއަހަރު ބޭއްވުމަށް ކުރިން ނިންމާފައި އޮތީ ނޭޕާލުގައެވެ. އެއީ މި މުބާރާތް ބާއްވަން ކުރިން ބިޑް ކުރީ ނޭޕާލާއި ސްރީ ލަންކާ އެކަނި ކަމަށްވެފައި، ލަންކާ މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށްވުމުންނެވެ.
އެކަމަކު އަންގާރަ ދުވަހު ކުރިއަށްދިޔަ ސާފްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު މި މުބާރާތް އިންޑިއާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ މުބާރާތުގެ ކޮމާޝަލް އަދި މާކެޓިން ރައިޓްސް ގަތް ސްޕޯޓްސް ޕާޓްނަރުން އެކަމަށް ބާރުއެޅުމުންނެވެ.
ޖޫން މަހުގެ 20 ވަނަ ދުވަހުން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް އިންޑިއާގައި ބާއްވާނެ ސްޓޭޓެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އަންނަ މަހު އެކަން ފައިނަލް ކުރާނެއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން މިފަހަރުގެ މުބާރާތުގައި ބައިވެރިކުރާނީ އެ ގައުމުގެ ޒުވާން ޓީމު ކަމަށް ވަނީ ބެލެވިފައެވެ.
ސާފް ޗެމްޕިއަންޝިޕް އަށް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާގައި މުބާރާތުގެ މެޗުތައް ކުޅޭއިރު، މި ފަހަރު ފުރަތަމަ ފަހަރަށް ޕާކިސްތާނުން އިންޑިއާއަށް ޓީމު ފޮނުވާނެ ކަމަށް ބެލެވެއެވެ. އެކަމަކު ދެ ގައުމުގެ ސިޔާސީ މަސްރަހުގެ ސަބަބުން އާންމުކޮށް އެއް ގައުމުގައި ބާއްވާ މުބާރާތްތަކަށް އަނެއް ގައުމުގެ ޓީމުތައް ދަތުރު ނުކުރެއެވެ.
މި މުބާރާތް އެންމެ ފަހުން ބޭއްވީ ރާއްޖޭގައެވެ. 2021 ވަނަ އަހަރު ކުރިއަށްދިޔަ އެ މުބާރާތް ކާމިޔާބުކުރީ އިންޑިއާއިންނެވެ. މުބާރާތުގެ ތަށި އިންޑިއާގެ އިތުރުން ދެން ހޯދާފައިވަނީ ރާއްޖެ އާއި، ބަންގްލަދޭޝް އާއި، އަފްޣާނިސްތާން އަދި ލަންކާއިންނެވެ. މީގެ ތެރެއިން ރާއްޖެއިން ވަނީ ދެ ފަހަރު ތަށި ހޯދާފައެވެ.