ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކުރިއަށްދާނެ ގޮތަކާމެދު އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނިންމަވާ ނިންމެވުމަށް ޕާޓީގެ ލީޑާޝިޕުން ފުރިހަމައަށް ތަޢީދުކުރާނެކަމަށް ޖުމްހޫރީ ޕާޓީ، ޖޭޕީން ބުނެފިއެވެ.
މިމަހުގެ 24 ގައި ފަށާ ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންގްރެސްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އެޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޢާރިފް ވިދާޅުވީ، ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާއެކު ކުރިއަށްދާން ނިންމައިފިނަމަ އެގޮތަށް ކުރިއަށްދާނެކަމަށެވެ. ނުވަތަ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިނަމަ އެގޮތަށްވެސް ތާޢިދުކުރައްވާނެކަމަށް ޢަލީ ޢާރިފް ވިދާޅުވިއެވެ.
މި ޕްރެސްގައި ބައިވެރިވެވަޑައިގެންނެވި ޖޭޕީގެ ލީޑާރޝިޕްގެ ބައެއް ބޭފުޅުންނަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ނާކާމިޔާބިއަށްފަހު ޖޭޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅުންކަމަށްވުމުން، ބައެއް ނޫސްވެރިން ވަނީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ގާސިމް އަރިހުގައި ތިއްބެވޭނެތޯ ސުވާލު އުފައްދަވާފައެވެ. މިއާއެކު ލީޑާޝިޕުން ވަނީ ކޮންމެ ހާލަތެއްގައިވެސް ޤާސިމް އަރިހުގައި ތިއްބަވާނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކު ޤާސިމް އިބްރާހީމާއެކުގަ. ޤާސިމް އިބްރާހީމް ނިންމެވީ ޕީޕީއެމާއެކު ކަމަށްވެއްޔާ ދާނަން. އެމްޑީޕީއާއެކު ދާން ނިންމެވިކަމަށްވެއްޖާ އެގޮތަށްވެސް ދާނަން. މިދިޔަ އަހަރުގެ ފެބުރުއަރީ މަހުވެސް ކޮމަންޑޫ ދާއިރާއަށްގޮއްސަ އެމްޑީޕީއަށް ގޮނޑިއެއް ހޯދައިދިނީ. އަޅުގަނޑުމެންގެ ޕާޓިގެ ލީޑަރު ޑިސައިޑުކުރެއްވީތީވެ [ނިންމެވީތީ] ކޯލިޝަން ކެނޑިޑޭޓަށް ތާއީދުކުރަން އަޅުގަނޑުމެން ދިޔައިން. އަޅުގަނޑުމެން މީ އަމަލީގޮތުން އެތަނުގަ މަސައްކަތްކުރި މީހުން." ޢަލީ ޢާރިފް ވިދާޅުވިއެވެ.
ޤައުމީ ޖަލްސާ ބޭއްވުމަށް ކައުންސިލުން ފާސްކޮށްފައި ވަނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގައެވެ.
ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމިގެންދާނެކަމަށް ޢަލީ ޢާރިފް ވިދާޅުވިއެވެ. އެގޮތުން އެޕާޓީގެ ރައީސްއާއި ނާއިބު ރައީސް އަދި ލީޑަރުގެ މަޤާމާއި ނާއިބު ލީޑަރުންނާއި އެނޫންވެސް އިސް މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން ކުރިއަށްދާނެކަމަށް ޢަލީ ޢާރިފް ވިދާޅުވިއެވެ. ޖޭޕީގެ ޤައުމީ ކޮންގްރެސްގައި 900 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.