ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވާތީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ނުރުހުންވެ، ޔަހޫދީ އިސްރާޢީލަށް ފާޑުވިދާޅުވެއްޖެއެވެ. މި ކަމާ ދެކޮޅަށް އޭނާ ވަނީ އޭނާގެ ނަންފުޅުގައި ބަޔާނެއް ނެރުއްވާފައެވެ. މިއީ، ޢާންމު ގޮތެއްގައި އޭނާ އަމަލުކުރައްވާ ގޮތެއް ނޫނެވެ. މި ފަދަ މައްސަލަތަކުގައި ޢާންމުކޮށް އޭނާގެ ފަރާތުން ވާހަކަދައްކަވަނީ އޭނާގެ ތަރުޖަމާނެވެ.
"އިސްރާޢީލުގެ މި ނިންމުމަކީ އެމެރިކާއިން ވަރަށް ކަންބޮޑުވާ މައްސަލައެއް،" ބްލިންކަން ވިދާޅުވިއެވެ. އޭނާ ބަޔާނެއް ނެރުއްވައި، އިސްރާޢީލަށް ފާޑުވިދާޅުވެފައި މި ވަނީ، އިސްރާޢީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ނުވަ ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވަން އެ ޤައުމުގެ ކެބިނެޓުން ނިންމުމުންނެވެ. އަދި، ޔަހޫދީން އާބާދުކުރުމަށް 10,000 ހައުސިންގ ޔުނިޓު އެޅުމަށް ވެސް ޔަހޫދީ ކެބިނެޓުން ވަނީ ނިންމާފައެވެ.
"އެމެރިކާގެ ކުރީގެ ސަރުކާރުތަކެކޭ އެއް ފަދައިން، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ [ރައީސް ޖޯ ބައިޑަންގެ] ސަރުކާރުން ވެސް ދެކޮޅު ކަމެއް. މި ފަދަ އަމަލުތަކުގެ ސަބަބުން މަސްރަޙު އިތުރަށް ގޯސްވެ، ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކަށް ފުރުޞަތު ދެވޭ. އަދި، ދެ މިނިވަން ދަޢުލަތް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ،" ބްލިންކަން ވިދާޅުވިއެވެ.
ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް އިތުރުކުރަން އިސްރާޢީލުން ނިންމާފައި މި ވަނީ، ޤުދުޞްއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ކަމާ ދެކޮޅަށް ބްލިންކަން ވާހަކަފުޅު ދެއްކެވިތާ ގިނަ ދުވަސްތަކެއް ނުވެއެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ، އެ ކަމާ ދެކޮޅަށް ވަރަށް ހަރުކަށިކޮށް ވާހަކަފުޅު ދައްކަވާފައެވެ.
"ދެ ދަޢުލަތް ޤާއިމުނުކުރެވޭ ނަމަ، އިސްރާޢީލަށް އޮތް ނުރައްކާތެރިކަން އިތުރުވާނެ. އަދި، ފަލަސްޠީނާއި އިސްރާޢީލުގެ ރައްޔިތުންނަށް ސުލްޙަވެރިކަމާ އެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކޮށްދޭން ހުރަސްއެޅޭނެ،" ބްލިންކަން ވިދާޅުވިއެވެ. އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމަލުކުރާ ގޮތްތަކަށް ބަލައި، ބައިޑަން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް ބްލިންކަން މީގެ ކުރިން ވިދާޅުވެފައިވެއެވެ.