ޚަބަރު

ފުނައްޑޫގެ ތަރައްޤީއަށް 236 މިލިއަން ރުފިޔާ ބޭނުންވޭ


ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސް ގަތުމުގެ މަސައްކަތް ފެށުމަށް، 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަންޖޭހެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިކަން ހާމަކުރީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް، އެސްއޯއީ ކޮމިޓީއަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ފޮނުވި ސިޓީއެއްގައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވި ސިޓީގައި މިފްކޯއިން ބުނީ ތ. ފުނައްޑޫއަށް މަސް ގަންނަން ފެށުމުގެ މަސައްކަތް ފެށުމަށް ދަތިތަކެއް އެބަހުރިކަމަށެވެ. އެގޮތުން، އެ ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްޤީކުރުމަށް 146 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވެސް މިފްކޯއިން ލަފާކުރެއެވެ.

ފުނައްޑޫއަށް މަސް ގަންނަން ފެށުމަށް 236 މިލިއަން ރުފިޔާ އިންވެސްޓްކުރަންޖެހޭއިރު އެވަރުގެ ޤާބިލްކަން އެކުންފުންޏަށް ލިބިފައިނުވާކަން މިފްކޯއިން ފާހަގަކުރެއެވެ.

މިފްކޯއިން ބުނީ ފުނައްޑޫގެ ތަރައްްޤީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ ފައިސާ ހަމަޖެހުމުން ފުނައްޑޫގެ ތަރައްޤީގެ މަސައްކަތް ފަށަން އެކުންފުނިން ތައްޔާރުވެފައިވާކަމަށް މިފްކޯއިން ހާމަކުރެއެވެ.

ލޯނެއްގައި މައްސަލައިގައި ބީއެމްއެލްއިން ވިއްކާލަން އިއުލާންކުރި ފުނައްޑޫ މިފްކޯއިން ގަނެފައިވަނީ 22.8 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، އެރަށުގެ މިލްކްވެރިކަން މިފްކޯއަށް އަދި ލިބިފައެއް ނުވެއެވެ. އަދި އެކަން ފުރިހަމަނުވެ އޮތީ ފުނައްޑޫ މީގެކުރިން ބެލެހެއްޓި ފަރާތުން އެ ރަށަށް ދައްކަން ޖެހޭ ކުލި ނުދައްކާ ހުރުމުން ހުރި މައްސަލަތައް ހައްލުކުރުމަށްކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ބުނީ އެކަންކަން ހައްލުކޮށް، ވަރަށް އަވަހަށް އެރަށުގެ މިލްކްވެރިކަން މިފްކޯއަށް ލިބޭނެކަމަށެވެ.

އަމިއްލަ ފަރާތަކުން ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސްގަނެ އެކްސްޕޯޓްކުރަން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. ނަމަވެސް އެ ރަށް ތަރައްޤީކުރަން ނެގި ލޯނެއް ނުދައްކައިގެން ޖެހުނު މައްސަލަތަކެއްގައި ރަށުގައި ކުރަމުން އައި މަސްވެރިކަމާއި ގުޅޭ މަސައްކަތްތަކެއް އޮތީ ހުއްޓިފައެވެ.

ފުނައްޑޫ ސަރުކާރަށް ނަގާފައިވަނީ އެ ރަށް ހިންގި ފަރާތުން ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހުއެވެ.