ކުޅިވަރު

މާލީ ގޮތުން ޕްރިމިއާ ލީގާއި އެހެން ލީގުތަކާ ވަރަށް ބޮޑު ފަރަގެއް އެބަހުރި: ޕިއޯލީ


މާލީ ގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރަޕުގެ އެހެން ލީގުތަކާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބަކުރި ކަމަށް އޭސީ މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފިއެވެ.

އޭނާ މިކަން ހާމަކޮށްފައިމިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ރޭ އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ލެގްގެ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ޕްރިމިއަރ ލިގުގެ ކްލަބްތަކުންވަނީ 815 މިލިއަން ޕައުންދް ހޭދަކޮށްފައެވެ. އަދި ޔޫރަޕްގައި ދެން އެންމެ ފާހަގަ ކޮށްލެވޭ ބޮޑު ހަތަރު ލިގު ކަމަށްވާ ސްޕެނިޝް ލީގާއި، އީޓާލިއަން ލީގާއި، ޖަރުމަނު ލީގު އަދި ފްރެންޗް ލީގު އެއްކޮށްލައިގެންވެސް ހޭދަކުރި ވަރު އުޅެނީ 225 މިލިއަން ޕައުންޑްގައެވެ.

ޕިއޯލީ ބުނީ ޕްރިމިއަރ ލީގުގެ ކްލަބްތަކުން ނުވަސަތޭކަ މިލިއަނެއްހާ ޕައުންޑް ހޭދަކުރިއިރު އިޓާލިއަން ލީގުން މާބޮޑު އެއްޗެއް ހޭދައެއް ނުކުރާ ކަމަށެވެ. އެހެންކަމުން މާލީގޮތުން ދެ ޓީމްގައިގައި ހާސްބައި ތަފާތު އެބަހުރި ކަމަށާއި ނަމަވެސް ބޭނުންވަނީ ދަނޑު މަތީގެ ކަންތައްތަކަށް އިސްކަންދީ މިފަދަ އެހެން ކަންތައްތަކުން ދުރުވުމަށް ކަމަށްވެސް ބުންޏެވެ.

މިރޭގެ މެޗަށް މިދެޓީމް ނިކުންނައިރު މިދެޓީމްވެސް އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫންކަމަށް ގިނަ ފަރާތްތަކުން ހާމަކުރެއެވެ. މިރޭގެ ފުރަތަމަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިލާންގެ ދަނޑުގައެވެ.