ކުޅިވަރު

ސިޔާސީ ކަންތައްތަކުން ކުޅުންތެރިން ދުރުވާންޖެހޭ - އަސަދުﷲ


ކުޅިވަރު ކުޅޭ
ކުޅުންތެރިން ސިޔާސީ ކަންތައްތަކުގައި ބައިވެރިނުވެ، ކުޅިވަރަށް ހުސްވެގެން
ހުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފިއެވެ.

 މިއަހަރު މާޒިޔާއަށް ބަދަލުވި
އައްސަދު އަލީ ބަންދުކޮށްފައި ހުރުމުން، އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން
ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ކުޅުންތެރިންނަކީ އެހެން މީހުންނަށް ނަމޫނާއަކަށް
ވާންޖެހޭ ބައެއްކަމަށެވެ. ސިޔާސީ ކަންތައްތަކުގައި އެއްވެސް ކުޅުންތެރިއަކު
ބައިވެރިވުމަކީ ރަނގަޅުކަމެއްނޫންކަމަށާއި، އެފަދަކަންތައްތަކުގައި ކުޅުންތެރިން
ބައިވެރިވާނަމަ، އެކުޅިވަރަކަށް ދޭންވީ ވަރަށް ސަމާލުކަން ނުދެވޭނެކަން މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަސަދުﷲ ފާހަގަކުރިއެވެ. 

އޭއެފްސީކަޕްގައި އިންޑިޔާގެ މޯހަން ބަގާންއާ ވާދަކުރަންޖެހޭ މެޗަށް
ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އަސަދުﷲ އަބްދުﷲ ބުނީ މިމެޗަކީ
މާޒިޔާއަށް ވަރަށް މުހިންމު މެޗެއްކަމަށެވެ. އަދި އައްސަދުއަކީ ޓީމަށް ވަރަށް
މުހިންމު ކުޅުންތެރިއެއްކަމަށާއި، އައްސަދު އަލީ ވަރުގެ އެހެން ކުޅުންތެރިއެއް
ކުލަބްގައި ނެތްކަމަށެވެ. ސިޔާސީ ކަންތައްތަކުގައި ކުޅުންތެރިން
ބައިވެރިވާނަމަ، މިއަށް ވުރެވެސް ދެރަގޮތް ކުޅުންތެރިންނަށް ވެގެންދިއުމަކީ
ދުރުކަމެއް ނޫންކަމަށްވެސް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުންޏެވެ.



"އަސްލުގަ
އެއީ އެހާ ރަނގަޅުކަމެއްނޫން. އެކަހަލަ ކަންތައްތަކުގައި ބައިވެރިވާނަމަ، އަދި
މިއަށް ވުރެއްވެސް ދެރަގޮތް ދިމާވުން އެކަށީގެންވޭ. އެހެންވެ އަޅުގަނޑުގެ
ވާހަކައަކީ އެކަހަލަ ކަންތައްތަކުން ދުރުވެ، ކުޅިވަރު ކުޅޭ ކުޅުންތެރިން ކުޅިވަރަށް
ހުރިހާ ވަގުތެއްވެސް ދިނުން." އަސަދުﷲ އަބްދުﷲ ބުންޏެވެ.