ޚަބަރު

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވަނީ ސަޢުދީން ތާރީޚެއް ނުދޭތީ: މިނިސްޓަރ


ސަޢުދީ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބިނާކުރި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވެފައިވަނީ، ސަޢުދީ ސަރުކާރުން ތާރީޚެއް ކަނޑަނާޅައިގެންކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. ސަލްމާން މިސްކިތް ވަގުތީގޮތުން ހުޅުވާލީ، މިދިޔަ އަހަރުގެ ރަމަޟާންމަހަށެވެ.

ކިންގް ސަލްމާން މިސްކިތަކީ ނަމާދުކުރާ ބަޔާއެކު، އިސްލާމީ މަރުކަޒެއްގެ ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. 2017ވަނަ އަހަރު ފެށި މި މަސައްކަތް މުޅިން ނިންމާފައިވަނީ 2020ވަނަ އަހަރުއެވެ. އަދި މިސްކިތް ވަގުތީގޮތުން ނަމާދުކުރުމަށް ހުޅުވާލީ މިދިޔަ އަހަރުގެ އޭޕްރިލް 1ވަނަ ދުވަހުއެވެ. ސަލްމާން މިސްކިތަށް ޤުރުޢާނާ ބެހޭ މަރުކަޒު ބަދަލުކޮށް އެތާންގައި ޤުރުއާނުގެ ކްލާސްތައް އަންނަނީ ހިންގަމުންވެ. ދީނީ ބައެއް މުހިންމު އިވެންޓްތައްވެސް މިސްކިތުގެ މަލްޓި ޕަރޕަސް ހޯލްތަކާއި އޮޑިޓޯރިއަމްގައި ކުރިއަށްގެންދެއެވެ. ނަމަވެސް މިހާތަަނށް ރަސްމީކޮށް އެ މިސްކިތް ހުޅުވާފައެއް ނުވެއެވެ.

މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީ ވިދާޅުވީ، މިސްކިތް ރަސްމީކޮށް ހުޅުވޭނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ.

މިސްކިތަކީ ސަޢުދީ ސަރުކާރުގެ ކުރިއަށްގެންދިޔަ މަސައްކަތަކަށް ވުމާއެކު، މިސްކިތް ރަސްމީކޮށް ހުޅުވުމުގައި ސަޢުދީގެ ސަރުކާރުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ޙާލަތު އައުމުގެ ކުރީގައި، މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ގެންދިޔަކަމަށެވެ. އަދި ތައްޔާރީތަކާއި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ސަޢުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންވެސް ރާއްޖެ އައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު ކޯވިޑްގެ ޙާލަތު އައުމާއެކު، މިހާތަނަށްވެސް މިކަމަށް ސީދާ ތާރީޚެއް ކަނޑައަޅިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަޢުދީގެ މިނިސްޓްރީއިން އަންގާފައިވަނީ، މަޝްވަރާކުރުމަށްފަހު މިސްކިތް ހުޅުވުމަށް ތާރީޚެއް ކަނޑައަޅާ ރާއްޖެއަށް އަންގާނެކަމަށް. އޭގެ ފަހުންވެސް އަޅުގަނޑުމެއް މަސައްކަތް ކުރިން. އެހެންނަމަވެސް އަދިވެސް ތާރީޚެއް ނުލިބެ." މިނިސްޓަރ ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތަކީ 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ. މިސްކިތުގެ އެތެރެބައިގައި 4000މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. އަދި ގޯތިތެރެއާ އެއްކޮށް 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ.

އިސްލާމިކް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރެއްވީ، ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ ނަމާދުކުރާ މީހުންނަށް ހޫނުވާތީ، އެކަމުގެ ކަންބޮޑުވުން ޢާންމުން ފާޅުކުރަމުންދާތީ، އެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތް ސާފުކުރުމަށެވެ.

މިކަމާ ގުޅިގެން މިިނިސްޓަރ ވިދާޅުވީ އޭސީގެ މައްސަލަ ހުރިކަން ފުރަތަމަ ފާހަގަކުރެވުނީ މިދޔަ އަހަރު އޮގަސްޓު މަހުކަމަށެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މައްސަލަ ދިމާވިކަމަށާއި، ނަމަވެސް މިމަހުގެ ތެރޭގައި ހުރިހާ އޭސީތައް ރަނގަޅުކޮށް ބޭނުންކުރަން މިހާރު ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތައް ކުރިމަތިވުމަށް ދިމާވި ސަބައެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ސިސްޓަމްތަކަށް ލޮނުގެ އަސަރު ކުރުމެވެ.