ޚަބަރު

އުވާލަން ނިންމާފައިވަނިކޮށް، ޑީއާރުޕީގެ ލީޑަރުކަމުންނާއި މެންބަރުކަމުން ޖާބިރު އިސްތިއުފާދެއްވައިފި


ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނިކޮށް، އެޕާޓީގެ ލީޑަރުކަމުންނާއި، މެންބަރުކަމުން އިސްތިއުފާދެއްވައިފިއެވެ.

ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް އެޕާޓީގައި މެންބަރުން ހަމަނުވުމުންނެވެ. ސިޔާސީ ޤާނުނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ހިންގޭނީ އެ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާނަމައެވެ. ނަމަވެސް ޕާޓީތަކުގެ ގާނޫނުގައި ބުނާ ޢަދަދަށް މެމްބަރުން ހަމަނުވާތީ އެ ޢަދަދަށް މެމްބެރުން ހަމަކުރުމަށް 3 މަހުގެ މުހުލަތެއް ދިނުމުންވެސް އެ ޢަދަދަށް މެންބަރުން ހަމަކުރެވިފައެއް ނުވެއެވެ. ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކުރަން އެޕާޓީގެ ފަރާތުން ވަނީ ހައިކޯޓަށްވެސް ހުށައަޅާފައެވެ.

ޑީއާރުޕީ އުވާލަން ނިންމި މައްސަލާގައި އެޕާޓީން އެންމެ ފުރަތަމަ ކޯޓަށް ހުށައެޅީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހުށައެޅޭނެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް އެ މައްސަލައަކީ އެބާވަތުގެ މައްސަލައެއް ނޫންކަމަށް ނިންމާ ހައިކޯޓުން ވަނީ އެ މައްސަލަ ރަޖިސްޓްރީކޮށްނުދޭން ނިންމާފައެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި ޑީއާރުޕީން އަނެއްކާވެސް ވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާފައެވެ. މިފަހަރު މައްސަލަ ހުށައެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ޑީ.އާރު.ޕީގެ ވަގުތީ ލީޑަރު ކަމުންނާއި، އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

މިއާއެކު ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ސިޔާސީ ޕާޓީގެ ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިހާރު ޤާނޫނު އޮތްގޮތުން ސިޔާސީ ޕާޓީއެއް އުވާލާއިރު، އެޕާޓީއެއްގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ބަޔާންކޮށްފައެއް ނުވެއެވެ.


ޑީއާރުޕީއަކީ ރާއްޖޭގައި މަލްޓި ޕާޓީ ނިޒާމް ތަޢާރަފުވެ ދެވަނައަށް ރަޖިސްޓްރީ ކުރި ސީޔާސީ ޕާޓީއެވެ. 21 ޖުލައި 2005 ރަޖިސްޓްރީކުރި ޑީއާރުޕީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. އެހެންނަމަވެސް ރައީސް މައުމޫންގެ ވެރިކަން ބަދުވުމަށްފަހު ޑީއާރުޕީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވިއެވެ. އަދި ޕީޕީއެމް އުފެދިގެން ދިޔައީ ޑީއާރުޕީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިންނެވެ.

އެއަށްފަހު ޑީއާރުޕީގެ ލީޑާރަޝިޕާއި ހަވާލުވެވަޑައިގަތީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދެވެ. އެއިރު ޑީއާރުޕީގެ ދަރަނި 10 މިލިއަނުގައި އޮތްކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް އޭގެފަހުން ދަރަނީގެ ބައެއް ޚަލާސްކޮށް، 6 މިލިއަނަށް ކުޑަކުރިކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޑީއާރުޕީގައި އޭރު އިސްކޮށް އުޅުއްވި ފަރާތްތައް އެޕާޓީ ދޫކުރައްވާ ވަޑައިގަތް އިރު އެޕާޓިގެ ދަރަނީގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން އެމްޓީސީސީގެ އިތުރުން ހަބް ކުންފުންޏާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަށް ޑީއާރުޕީން ފައިސާ ދިނުމަށްވެސް ކޯޓުން ކުރިން ހުކުމްކޮށްފައިވެއެވެ.

ޑީއާރުޕީގެ ދަރަންޏަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢީމްކަމުގައި، 2008 އަހަރުގެ ރިޔާސީ އިންތިޚާބަށް ކޮށްފައިވާ ޚަރަދުތަކުގެ ދަރަނިކަމަށް ޑީއާރުޕީން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ދަފްތަރަށް ބަލާއިރު ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި އެންމެ ފަހުން ތިބީ 2،483 މެމްބަރުންނެވެ.