ޚަބަރު

ޓެރަރިސްޓު ޖަމާޢަތްތަކުގެ ލިސްޓު އާންމު ނުކުރާގޮތަށް އިސްލާހެއް


ޓެރަރިސްޓު ޖަމާޢަތްތައް ކަމަށް ބެލޭ ޖަމާޢަަތްތަކުގެ ލިސްޓު ސަލާމަތީ ސަބަބުތަކަށްޓަކައި ޢާންމު ނުކުރާގޮތަށް ޤާނޫނަށް އިޞްލާޙެއް ހުށައަޅުއްވައިފިއެވެ.ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ، މިފަދަ އިސްލާހެއް ހުށަހެޅުއްވަން ޖެހުނީ މިހާރު  މިފަދަ ލިސްޓް ގެޒެޓްކުރަންޖެހޭ ގޮތަށް އޮތުމުން، ދިމާވެދާނެ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކަމުގައެވެ.ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު އޮންނަ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ވާނެކަމަށާ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތައް ކަނޑައަޅާނީ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމަށާއި، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެކަން ލާޒިމް ކޮށްފައިވެއެވެ.އަލަށް ހުށަހެޅުއްވި އިސްލާހު ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަން ވާނެ ކަމަށާއި، ޤާނޫނެއްގެ ގޮތުގައި ޢަމަލުކުރަން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް ސަލާމަތީ ސަބަބުތަކަށްޓަކައި ޢާންމު ނުކުރެވޭނެކަމަށް ބަޔާން ކޮށްފައިވެއެވެ.