ޚަބަރު

ޢަބްދުއްރަޝީދު ޢަލީ އަދިވެސް ނުފެނޭ- އެމްއެންޑީއެފް


އާދީއްތަ ދުވަހު ފަތިހު ގއ. ކޫއްޑޫ ފުއްޓަރުފަރާތަށް ހުއިފިލަނޑާ ނަގަން އެރި އުޅުނު ދެ މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ ޢަބްދުއްރަޝީދު ޢަލީ އަދިވެސް ނުފެންނަކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.ގެއްލިގެން ހޯދަމުންދާ ޢަބްދުއްރަޝީދު ޢަލީ އަކީ، ހދ.ކުޅުދުއްފުށީ ބޮޑުދުނބުރިގޭގެ މީހެކެވެ.އޭނާ ހޯދުމަށް ކަނޑާ، ވައިގެ މަގުން އަދި ފީނައިގެން ކުރި މަސައްކަތް އިއްޔެ އިރުއޮއްސުމާއިއެކު ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، މިއަދު ހެނދުނު ހަޔެއް ޖެހިއިރު އަލުންވަނީ ފަށާފައެވެ.އެމް.އެން.ޑީ.އެފްގެ ކަނޑުގެ އުޅަނދު ނޫރައްދީން ހެނދުނު ހަޔެއް ޖެހިއިރު ޢަބްދުއްރަޝީދު ޢަލީ ހޯދުުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވާއިރު، އަށްގަޑި ތިރީހުން ފެށިގެން ފީނައިގެން އޭނާ ހޯދުމަށް މަސައްކަތް ފަށާފައިވާކަމަށްވެސް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ. ފީނައިގެން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޑައިވަރުންގެ ދެ ޓީމެއް ހަރަކާތްތެރިވަމުންދާއިރު، މި ޓީމްގައި "ރެސިޑެންސް މޯލްޑިވްސް"ގެ ދެ ޑައިވަރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.ޢަބްދުއްރަޝީދު ޢަލީ ހޯދުމަށް  އިއްޔެ ދެ ފަހަރެއްގެ މަތިން ފީނާފައިވާކަމަށާއި، ފީނުމުގައި އެ ސަރަހައްދުގައި އުޅުނު "މޯލްޑިވިއަން ޕްރިންސަސް" ކިޔާ ސަފާރީއެއްގެ ޑައިވަރުންގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. އޭނާ ގެއްލިފައިވަނ،ީ ހުއިފިލަނޑާ ނަގަން ގއ.ކޫއްޑޫ ފުއްޓަރުފަރާތަށް އެރި، ގއ. ވިލިގިއްޔާ ދިމާލަށް މިސްރާބު ޖެހުމަށްފަހުކަމަށް އޭނާއާއިއެކު ހުއިފިލަނޑާ ނަގަން ގޮސް އުޅުނު މީހާ މަޢުލޫމާތުދޭކަމަށް ފުލުހުން ވިދާޅުވެއެވެ.މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެ މަޢުލޫމާތު ކޯސްޓްގާޑް ނުވަތަ ފުލުހުންނާ ޙިއްޞާ ކުރުމަށްއެދިވަޑައިގަންނަވައެވެ.