ޚަބަރު

ކޮންވެންޝަން ސެންޓަރު ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރައްވަނީ


އައްޑޫސިޓީގައި އަލަށް ހައްދަވާ ޓާޝަރީ ހޮސްޕިޓަލް ޤާއިމްކުރައްވާނީ، އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ސަރުކާރުން އައްޑޫގައި ޤާއިމްކުރާ 100 އެނދުގެ ހޮސްޕިޓަލަކީ ސަޢޫދީ ފަންޑާއި، އޯޕެކްގެ ލޯންގެ އެހީގައި ޤާއިމްކުރާ ހޮސްޕިޓަލެއްކަމަށެވެ. އެ ހޮސްޕިޓަލް އައްޑޫގައި ޤާއިމްކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ މިހާރުގެ ކޮންވެންޝަން ސެންޓަރަށް ބަދަލުތަކެއް ގެނެސްގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިބަދަލު ގެންނެވީ ކަމާގުޅޭ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން، އެތަން ފުރިހަމަ ހޮސްޕިޓަލަކަށް ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އައްޑޫ އިކުޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ އެންމެ ފުރިހަމަގޮތުގައި ބޭނުންހިފުމަށް ރައީސް ޢަބްދުﷲ ޔާމީން އިސްކަންދެއްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އައްޑޫ ކޮންވެންޝަން ސެންޓަރަކީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް ތިން ސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.