ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިނގުރައިދޫ އާއި ގާފަރަށް ބޮޑު މޮޅެއް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ކ. ގާފަރާއި ރ. އިނގުރައިދޫ އަށް ލަނޑުގެ ފަރަގަކުން ބޮޑު މޮޅެއް ހޯދައިފިއެވެ.

މި ފަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ގާފަރުން ރޭގެ މެޗުގައި ވަނީ 8-0 އިން ކ. ތުލުސްދޫ ބަލިކޮށްފައެވެ.

މި މެޗުގައި ގާފަރުގެ ގޯލުތައް ޖެހީ އިބްރާހިމް ރިމާހު (ރިމޭ) އާއި އަލީ މާއިސް (މައްޓު) ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ޓީމުގެ ކެޕްޓަން ސާމިން މުހައްމަދު ނަސީރު، އައްޒާމް ނިޔާޒް، އަޒްޔާން އިބްރާހިމް އަދި ސަނީމް ސާމިލް ގޯލެކެވެ.

ކ. އަތޮޅުގެ އަނެއް މެޗުން، ދިއްފުށިން ވަނީ 4-1 އިން ގުރައިދޫ ބަލިކޮށްފައެވެ.

އަލީ ހާފިޒް (ހާއްޕެ)ގެ ކެޕްޓަންކަމުގައި ކުޅޭ އިނގުރައިދޫ 8-0 އިން ރ. އިންނަމާދޫ އަތުން މޮޅުވެފައެވެ.

އިނގުރައިދޫ ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް (އައިހު) ހެޓްރިކަކާއި ހާއްޕެ އާއި މުހައްމަދު މަމްދޫހު ދެ ގޯލުގެ އިތުރުން މުހައްމަދު ޖުމާން ގޯލެކެވެ.
މިއީ މިހާތަނަށް މި މުބާރާތުގެ އެންމެ ފަރަގު ބޮޑު ދެ ނަތީޖާއެވެ.

ރޭ ތ. އަތޮޅުގެ ފުރަތަމަ ގްރޫޕްގައި ގާދިއްފުށްޓާއި ވޭމަންޑޫ ކުޅުނު މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ. އަނެއް މެޗުން އޮމަދޫ ވަނީ 5-0 އިން ހިރިލަންދޫ ބަލިކޮށްފަ އެވެ. ށ. އަތޮޅުގައި ރޭ ކުޅުނު މެޗުން ފީވަށް ވަނީ 3-1 އިން ޅައިމަގު ބަލިކޮށްފަ އެވެ. އއ. އަތޮޅުގެ ދެ މެޗަށް ބަލާއިރުު، ފެރިދޫ އާއި ރަސްދޫގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މަތިވެރިން ވަނީ 4-1 އިން ތޮއްޑޫ ބަލިކޮށްފަ އެވެ.