ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފީޖީގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް


ފީޖީއަށް ތޫފާން ވިންސްޓަން އަރާ 6 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފީޖީގެ ބޮޑުވަޒީރު ފްރޭންކް ބައިނި މަރަމާއަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ޤައުމީ ހިތާމައިގެ މި  ދަނޑިވަޅުގައި ދިވެހި ސަރުކާރާ ރައްޔިތުން މި ހިތާމައިގައި ބައިވެރިވާކަމަށްވެސް ވިދާޅުވެފައިވެއެވެ. ފީޖީއަށް އެރި ތޫފާނުގައި 6 މީހުން މަރުވެފައިވާ ކަމަށާއި އެތޫފާނުގެ އަސަރުކުރި ގިނަ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.ތޫފާން ވިންސްޓަންގެ ސަބަބުން، ގިނަ ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށާއި ގިނަ ސަރަޙައްދުތަކަކުން ޢާންމު ޚިދުމަތްތައް މެދުކެނޑިފައިވާކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކުރެއެވެ. އަދި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމާއި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެޤައުމުގެ ސަރުކާރުން ބުނެއެވެ. ޠޫފާން ވިންސްޓަންއާއި ގުޅިގެން ފީޖީގައި ވަނީ، 30 ދުވަހުގެ މުއްދަތަކަށް ކުއްލި ޙާލަތު އިއުލާން ކޮށްފައިވެއެވެ. އަދި، އަންނަ ހޯމަ ދުވަހާއި ހަމައަށް އެޤައުމުގައި ކަރފިއު އިއުލާންކޮށްފައިވާ ކަމަށްވެސް އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.