ޚަބަރު

ޑީއާރުޕީ އުވާލި މައްސަލަ އަނެއްކާވެސް ކޯޓަށް، މިފަހަރު ދުސްތޫރީ މައްސަލައެއް ގޮތުގައި


ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކުރަން އެޕާޓީގެ ފަރާތުން ހައި ކޯޓަށް ހުށައެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވަނިކޮށް، އަނެއްކާވެސް އެ މައްސަލަ ހައިކޯޓަށް ހުށައަޅައިފިއެވެ.

ޑީއާރުޕީ އުވާލަން ނިންމާ އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން އިލެކްޝަންސް ކޮމިޝަނުން އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 13 ވަނަދުވަހުއެވެ. އެޕާޓީ އުވާލީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ޢަދަދަށް މެމްބަރުން ހަމަނުވާތީ އެ ޢަދަދަށް މެމްބެރުން ހަމަކުރުމަށް 3 މަހުގެ މުހުލަތެއް ދިނުމުންވެސް އެކަން ނުވުމުންނެވެ. ޤާނުނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ހިންގޭނީ އެ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާނަމައެވެ.

ޑީއާރުޕީ އުވާލި މައްސަލާގައި އެޕާޓިން އެންމެ ފުރަތަމަ ކޯޓަށް ހުށައެޅީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހުށައެޅޭނެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް އެ މައްސަލައަކީ އެބާވަތުގެ މައްސަލައެއް ނޫންކަމަށް ނިންމާ ހައިކޯޓުން ވަނީ އެ މައްސަލަ ރަޖިސްޓްރީކޮށްނުދޭން ނިންމާފައެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި ޑީއާރުޕީން އަނެއްކާވެސް ވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާފައެވެ. މިފަހަރު މައްސަލަ ހުށައެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

ހައިކޯޓުން ވިދާޅުވީ، އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައިނުވާކަމަށެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި މަލްޓި ޕާޓީ ނިޒާމް ތަޢާރަފުވެ ދެވަނައަށް ރަޖިސްޓްރީ ކުރި ސީޔާސީ ޕާޓީއެވެ. 21 ޖުލައި 2005 ރަޖިސްޓްރީކުރި ޑީއާރުޕީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. އެހެންނަމަވެސް ރައީސް މައުމޫންގެ ވެރިކަން ބަދުވުމަށްފަހު ޑީއާރުޕީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވިއެވެ. އަދި ޕީޕީއެމް އުފެދިގެން ދިޔައީ ޑީއާރުޕީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިންނެވެ.

ޑީއާރުޕީ އުވާލިއިރު އެޕާޓީގެ ރައީސްއަކީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ދަފްތަރަށް ބަލާއިރު ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި އެންމެ ފަހުން ތިބީ 2،483 މެމްބަރުންނެވެ.